Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

ރައީސް އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވަނީ، ކޮޕް29 ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް އަޒަރުބައިޖާނުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ދިވެހި ވަފުދަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދާދިފަހުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވައި އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސް ދައުވަތު އެރުއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އަލިޔޭވް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރައްވައި، ކޮޕް29 ގައި ރައީސް ބައިވެރިވެވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވި އެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ކޮޕް-29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް ކާމިޔާބު މަންސައަކަށް ހެދުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.