ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ މި ސަރުކާރުން ކުރިޔަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެގެން ކަމަށާއި އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންސާފުވެރިކަމާ އެކު ހުރިހާ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މުޅިން ހުރީ ރައްޔިތުންނަށް ދަތިވާ ކަންކަން ކަމަށާއި އެގޮތުން ހުރިހާ ސަބްސިޑީތަކެއް ކަނޑާލަން ނިންމާފައިވާއިރު، އާސަންދަ ވެސް ހުރީ ވަކި ބަޔަކަށް ލިބޭ ގޮތަށް ކަމަށެވެ.
މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންނަށް ލިބެމުން އައި މަންފާތަކެއް ކަނޑާލުމުން އެނގިގެން ދަނީ ކުރީ ސަރުކާރުތަކުން މި ފައިސާ ހޭދަކުރި ގޮތަށް މި ފައިސާ ހޭދަކުރަން މި ސަރުކާރުގައި ފުރުސަތެއް ނެތްކަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ އެ ހުރެވެނީ ރައްޔިތުންގެ ފަޅިއަކު ނޫނެއްނުން. އެއީ އެހެން ސަރުކާރުތަކުން ރައްޔިތުންގެ ފަސޭހަ އަށް މި ހުރިހާ ކަމެއްކޮށްދިން. އެއީ ރައްޔިތުންގެ ފަޅީގައި ހުރުމަކީ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއް ކަނޑާލުމަކީ ރައްޔިތުންގެ ފަޅީގައި ހުރުން ނޫން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުން އުފާކުރަންޖެހޭ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައި އޮތީ 9 ބިލިއަން ރުފިޔާ ކަމަށްވާއިރު، ބަޖެޓުގައި ވަކިވަކި ދާއިރާތަކުގައި ކުރަން ރާވާފައިވާ ކަންކަން ވެސްފެންނަން ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.