Last Updated: November 15, 06:41
Friday, November 15, 2024
ޚަބަރު

ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަށް އަރައިފި

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާފައިވާ ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއާ ގުޅުނު އިތުރު މެމްބަރުންތަކެއްގެ ފޯމުތަކާ ހަވާލުވުމަށް ރޭ ބޭއްވި ހަފްލާ އަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ޕީއެންސީ އަށް 75،000 މެމްބަރުން ހަމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށާއި އެކަން ވަރަށް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 82،000 މެމްބަރުން ޕީއެންސީއާ ގުޅިފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އެ އަދަދު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ފެންނަން ނޯވެދާނެ ކަމަށާއި އެއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ފޯމުތަކެއް ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކުރަން ވަގުތުތަކެއް ނަގާނެތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިހާ ގިނަ އަދަދަކަށް މެމްބަރުން ޕީއެންސީއާ ގުޅުމުން ރަމްޒުކޮށްދެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރާއި ރައީސް މުއިއްޒަށް އޮތް ތާއީދު ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް 75،000 މެމްބަރުންނާއި ގާތްކުރާ އަދަދަކަށް ވެސް އާދެވިފައި ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް، މި މަހުގެ 17 ގެ ނިޔަލަށް ޕީއެންސީ އަށް 75،000 މެމްބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެމްބަރުން އިތުކުރުމުގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ޕީއެންސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ