ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެެރޭގައި "ބާޒީގަރް" ގެ ދެވަނަ ބައެއް ހެދުމުގެ ވާހަކަތަކެއް އަނެއްކާ ވެސް ދެކެން ފަށައިފި އެވެ.
އައްބާސް-މަސްތާން ޑައިރެކްޓްކޮށް 1993 ގައި ގެނެސްދިން ފިލްމުގެ ޕްރޮޑިއުސަރު ރަތަން ޖެއިން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ބާޒީގާރު" ގެ ސީކްއެލްއަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެހެންވެ މި ވާހަކަ ޝާހްރުކްގެ ގާތުގައި ވެސް ދެކިފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ދެވަނަ ބަޔަކަށް އަދި ސްކްރިޕްޓެއް ނެތް ކަމަށާއި ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ރޭވުމެއް ވެސް ނެތް ކަމަށް ރަތަން ބުންޏެވެ.
"އެކަމަކު އަހަރެމެން ހިތްޖެހޭ ވަރުގެ ޕްލޮޓްލައިނެއް ލިބޭ އިރަކުން ބާޒީގާރުގެ ދެވަނަ ބައި ހަދާނަން." އޭނަ ބުންޏެވެ.
ރަތަން ބުނި ގޮތުގައި "ބާޒީގަރް" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އަދި މިހާރު ވެސް ބެލުންތެރިންގެ ހަނދާންތަކުގައި ވަރަށް ބޮޑަށް އެނބުރޭ ފިލްމަކަށްވާތީ ދެވަނަ ބަޔެއް ހަދާ ނަމަ ބެލުންތެރިންގެ އުންމީދުތައް ވަރަށް މަތިވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެހެންވެ ބެލުންތެރިން އުންމީދުކުރާ ވަރުގެ ޕްލޮޓްލައިނެއް ވަރަށް މުހިއްމު." ރަތަން ބުންޏެވެ.
ރިލީޒްކުރިތާ މި މަހުގެ 12 އަށް 31 އަހަރު ފުރުނު "ބާޒީގަރް" އަކީ ޝާހްރުކްގެ ކެރިއަރުގެ ވަރަށް ކުރީކޮޅު ކުޅުނު ފިލްމެކެވެ. އޭގައި އޭނަ ކުޅުނު ނެގަޓިލް ރޯލަށް ފަހު، ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބި ގިނަ ހުށަހެޅުންތަކެއް ލިބި، މާ ގިނަ ދުވަސްތަކެއް ނުވެ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރިއަށްވި އެވެ.
"ބާޒީގަރް" ގެ ބަތަލާއިންނަކީ ޝާހްރުކާ އެކީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ކާޖޮލްގެ އިތުރުން ޝިލްޕާ ޝެޓީ އެވެ. މިއީ ޝިލްޕާ ބޮލީވުޑަށް ތައާރަފުވި ފިލްމު ވެސް މެ އެވެ.
"ބާޒީގަރް" އަކީ ހޮލީވުޑްގެ 1953 ގެ ފިލްމު "އަ ކިސް ބިފޯ ޑައިން" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ރޮބިން ބަޓާއި އާކާޝް ކްރާނާގެ އިތުރުން ޖާވިދު ސިއްދީގީ އެވެ.