އިޙްސާންކަމަކީ މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ އިޙްސާންކަމަކީ، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހެޔޮކޮށް ހިތުން ކަމަށާއި އެއީ އިސްލާމްކަމާއި، އީމާންކަމަށް ފަހު، މުއުމިނެއްގެ ޙަޔާތުގައި، ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް ކަމަށެވެ.
"އިޙްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމުގައި ވެސް މެއެވެ. އޭނާ އެހެންމީހުންނާ ކުރާ މުޢާމަލާތުގައްޔާއި، އަމިއްލަ ނަފުސަށް ކުރާ މުޢާމަލާތުގައި ވެސް މެއެވެ. އޭނާގެ މާލީ މުޢާމަލާތާއި، އަބުރު ހިފެހެއްޓުމާއި، ޢިލްމު އުނގެނުމާއި، އެންމެހައި ޢަމަލުތަކުގައި ވެސް މެއެވެ،" ހުތުބާގައި ބުންޏެވެ.
އިޙްސާންކަމަކީ، ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުމާއެކު، މާތް ﷲ އަށް އީމާންވުމާއެކު، ކީރިތި ރަސޫލާ އަށް ފުރިހަމައަށް ތަބަޢަވުން ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން އިޙްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް ﷲ އަށް އިޚްލާޞްތެރިވާނެ ކަމަށާއި ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެ ކަމަށް ބުނެފައިވެ އެވެ.
"ޤިޔާމާއި، ރުކޫޢާއި، ސުޖޫދުގައި މަޑުމައިތިރިވާނެއެވެ. ޒަކާތް ނެރޭނީ، ﷲގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރިވާ ޙާލު، ފަރްޟު ޒަކާތުގެ އިތުރުން، ގިނަގިނައިން ޞަދަޤާތްކޮށް އުޅޭނެއެވެ. އިޙްސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި، ލޮލާއި، ހިތާއި، އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެއެވެ. ބެލުންތައް ތިރިކޮށް، ބަސްމަގު ރިވެތިކުރާނެއެވެ. އަނިޔާވެރި ޢަމަލުތަކުން، އޭނާގެ އަތްފައި ރައްކާތެރިކުރާނެއެވެ. ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެއެވެ،" ހުތުބާގައި ވެ އެވެ.
މީގެއިތުރުން އިޙްސާންކަމުގައި ދެން އޮތީ، އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުން ކަމަށާއި އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިން ކަމަށް ބުނެފައިވެ އެވެ. އަދި އިޙްސާންކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުންވާ ކަމަށާއި އެއީ، ޢުމުރާއި ރިޒްޤުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.