މަތިން ބަޔަކު ގެނަޔަސް ގޯސްކޮށް ކުރި ކަމެއް ނުފެންނާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 ގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 4 ބިލިއަން ރުފިޔާ އަށް ވީގޮތް ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށްޓަކާ އެކުވެރި ދައުލަތްތަކުންނާއި އެކި އިދާރާތަކުން އޭރުގެ ސަރުކާރާއި 565 މިލިއަން ޑޮލަރު ނުވަތަ 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ހަދާފައިވާ އެކްސްޕެންޑިޗާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރި ހަރަދު ކަމަށް ބުނާ އަދަދަކީ 4.2 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަނެއް 4 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށް ސައީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން އަމީރު ވިދާޅުވީ މިދިޔަ ފަސް އަހަރު މަސައްކަތް ކުރީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި މަތިން ބަޔަކު ގެނެސްގެން ބެލިޔަސް ގޯސްކޮށް ކުރި ކަމެއް ނުފެންނާނެ ކަމަށެވެ. މި ސަރުކާރަށް އެއް އަހަރު ވީއިރު ހިންގުނު އެންމެ ބޮޑު މަޝްރޫއު އަކީ ރައްޔިތުންނަށް މަކަރު ހެދުމާއި އޮޅުވާލުން ކަމަށް އަމީރު ވިދާޅުވި އެވެ.
"މިނިސްޓަރު ސައީދު ފާހަގަކޮށްފައި އެބައިން ކޮވިޑްގެ ހިލޭ އެހީގެ ގޮތުގައި ދިން 4 ބިލިއަން ރުފިޔާ އަށް ވީގެއް ނޭނގޭ ކަމަށް. މީގެ ކުރީގައި ވެސް ދައުލަތުގެ މިނިސްޓަރުކަން ކޮށްފައި ތިބި ބަޔަކަށް ދައުލަތް ހިނގާ ގޮތާއި ދައުލަތުގެ ފައިނޭންސް މެނޭޖްކުރާ ގޮތާ ދައުލަތަށް ހިލޭ އެހީ ލިބޭ ގޮތާ، ލޯނު ލިބޭ ގޮތާ، މިކަންކަން ނޭނގޭ ނަމަ މިކަންކަމާ ނޫޅެ ގޭގަ ތިބެންވީ ނޫންހޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަކީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާވާ ފައިސާ ކަމަށާއި އެ ފައިސާ ހަރަދު ކުރެވޭ ގޮތް ބަރާބަރަށް ދިޔައީ ކޮންމެ ހަފްތާއަކު އާންމުކުރަމުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެކަން ހުއްޓާލާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.