ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކުންފުނިތަކުގެ ތެރެއިގައި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހިމެނެ އެވެ.
ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤަވާއިދާއި މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާޢަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.
އިޤްތިސާދުގެ މައިބަދައަކީ ކޮންމެ ޤައުމެއްގައި ވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރި އާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ގޮތަށް އަދި އެފަރާތްތަކާއި މަޝްވަރާކޮށްގެން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށާއި މިކަމުގައި މަޝްވަރާގެ އުސޫލު އިސްކުރުމަށް ވެސް ޝާހިދު ވަނީ ގޮވާލާފަ އެވެ.