ސިއްހީ ނިޒާމުގެ މުޅިން އާ ބާބެއް މި ދައުރުގައި ލިޔެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ދިވެހި މުޖުތަމައުއަކީ ބަލި ނިޒާމެއްގެ ފަހަތުން ދުވާ ސިއްޙީ ނިޒާމެއް އޮތް މުޖުތަމައުއެއް ކަމުގައި ދެކެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިއްޙީ ސިޔާސަތުތައް ތަން ނުދޭ ކަމަށެވެ.
"އޭގެ ހެއްކެއް ގޮތުން އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި މުޖުތަމައު ދުޅަހެޔޮ މުޖުތަމައެއް ގޮތުގައި ބޭއްވުމަށްޓަކައި ރައީސް އަޅުއްވަމުން ގެންދަވާ މުހިންމު އެހެނަސް އުނދަގޫ ފިޔަވަޅުތައް،" ނާޒިމް ވިދާޅުވި އެވެ.
ސިއްޙީ ނިޒާމުގައި ވަރަށް ބޮޑެތި ބާގަނޑުތަކެއް ހުރި ކަމަށާއި އެ ބާގަނޑުތައް ފޫބެއްދެވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މި ވޭތުވެދިޔަ އެއް އަހަރު ކުރެވުނު މަސައްކަތާއި އަދި ފަށައިގަނެވިފައި ހުރި ސިއްހީ ދާއިރާގެ މުހިންމު މަސައްކަތްތަކާއިއެކު ކުރިއަށްއޮތް ހަތަރު އަހަރު ވާނީ ދިވެހި ރައްޔިތުންނަށް ސިއްހީ ނިޒާމުގެ މުޅިން އައު ބާބެއް ލިޔެވިގެންދާނެ ހަތަރު އަހަރަށް ކަމަށް ވިދާޅުވި އެވެ.
"މާ އުފާވެރި ބާބެއް. ދިވެހި ރައްޔިތުން އެ ބާބުގެ ސޮފުހާތައް ގަނޑަކަށް ފަހު ގަނޑެއް ކިޔުއްވަމުން ގެންދަވާނީ ހިނިތުންވުމާއެކުގައިކަން އަޅުގަނޑަށް ޔަގީން،" ނާޒިމް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީ ހަމައެކަނި ހަތަރު އަހަރުން މިކަން ނިމޭ ގޮތަކަށް ނޫން ކަމަށާއި އެގޮތުން އާބަން ސެންޓަރުތަކުގައި ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރެވި، މާލެއަށް އަންނަންޖެހޭ އައުން މަދުކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓާޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފަ އެވެ.