ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން ނޭންގޭނެ ކަމަށާއި ސްކޫލަކުން އެފަދަ އަމުރެއް ކުރިޔަސް ދަރިވަރުން ކިޔަމަންވާކަށް ނުޖެހޭނެ ކަމަށް ޝެއިހް ޢަބްދުއްސަލާމް ދާއޫދު ވިދާޅުވެއްޖެ އެވެ.
ދާރިސް ޓީވީން ލައިވްކޮށް ގެނެސްދޭ "އިލްމީ ޚަޒާނާ" ޕްރޮގްރާމްގެ އިއްޔެ ރޭގެ އެޕިސޯޑްގައި ބެލުންތެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝެއިހް ވިދާޅުވީ ތުނބުޅި ބޭލުމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފު ވާނެކަމެއް ކަމަށާއި ތުނބުޅި ބާލަން އެނގުމަކީ އެއްވެސް ފަރާތަކުން ކުރެވޭނެ އަމުރެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެންގެ ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގެ ހުރިހާ ވުޒާރާއެއްވެސް މި ހުންނަނީ މުސްލިމުންގެ ބެލުމުގެ ދަށުގަ އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން،" އޭނަ ވިދާޅުވި އެވެ. "އެހެންކަމުން ސްކޫލަކުން ވިޔަސް އަދި އެނޫން ވުޒާރާއަކުން ވިޔަސް އެތަނެއްގެ ދަށުގައި ތިބޭ ކުދިންނަށް ނުވަތަ މަސައްކަތް ކުރާ މީހުންނަށް އިސްލާމް ދީނާ އެއްގޮތަށް ޢަމަލު ކުރުމުގެ ޙައްޤު ލިބި ދޭން ޖެހޭނެ. އެފަދަ އަމުރަކަށް ދަރިވަރަކު ޢަމަލު ކުރާކަށް ނުޖެހޭނެ."
އަބްދުއްސަލާމް ވިދާޅުވީ ވިދާޅުވީ ތުނބުޅި ބާލަން އަންގާ މީހާ އެއީ ރަސޫލާފެ ސުންނަތާ ހަނގުރާމަކުރާ ފަރާތަކަށްވެގެން ހިނގައި ދާނެ ކަމަށެވެ. އަދި އޭނަގެ ބެލުމުގެ ދަށުގައި ތިބޭ ދަރިވަރުންނަށާއި މުވައްޒަފުންނަށް ތުނބުޅި ބާލަން އެއްވެސް ޙާލެއްގައި ނޭންގޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.