އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ފިލްމެއް އަކްޝޭ ކުމާރު ކުޅެން ހަމަޖެހިފައިވާކަން އިއުލާންކޮށްފި އެވެ.
މިކަން އަޖޭ އިއްޔެ އިއުލާންކުރީ އަކްޝޭ ވެސް ބައިވެރިވި މުމްބާއީގެ އިވެންޓެއްގެ ތެރޭގަ އެވެ. އެ އިވެންޓްގައި އޭނަ ބުނީ އެ ޕްރޮޖެކްޓާ ގުޅޭ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށާއި ފަހުން އޭގެ ތަފުސީލުތައް ހާމަކުރާނެ ކަމަށެވެ.
"ފިލްމު ޑައިރެކްޓްކުރާނީ އަހަރެން. އަދި އެ ކުޅޭނީ އަކްޝޭ." އަޖޭ ބުންޏެވެ.
މި ފިލްމު ވާނީ ކާމިޔާބު އެކްޓަރު ޑައިރެކްޓްކުރާ ފަސް ވަނަ ފިލްމަށެވެ. އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރުގެ "ބޯލާ" އެވެ. އޭނަގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ. އޭގެ ފަހުން 2016 ގައި "ޝިވާއޭ" އަދި 2022 ގައި "ރަންވޭ 34" ޑައިރެކްޓްކުރި އެވެ.
މިހާތަނަށް އަޖޭ ޑައިރެކްޓްކުރި ހުރިހާ ފިލްމެއްގެ ބަތަލަކީ ވެސް އޭނަ އެވެ.
އަކްޝޭ ހިމަނައިގެން އަޖޭ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ އިރު، މި ދެ ތަރިންނަކީ އެއް ދުވަސްވަރެއްގައި ބޮލީވުޑަށް ނުކުތް އަދި އަބަދު ވެސް ވަރަށް ގާތް އެކުވެރި ކަމެއް އޮންނަ ދެ ތަރިންނެވެ. ދެ ތަރިން އެކީގައި ވެސް ފިލްމުތަކެއް ކުޅެފައިވާ އިރު، އެފަދަ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި "ސިންގަމް އެގެއިން" އެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އަޖޭގެ އަންހެނުން ކާޖޮލްއާ އެކީ އަކްޝޭ ފިލްމުތަކެއް ކުޅެފައިވާ އިރު، އޭނަގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ އެކީ އަޖޭ ވެސް ފިލްމުތަކެއް ކުޅެފައިވާކަމެވެ.