އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށާއި އަދި އެ ނިންމުން އެމްޑީޕީގެ ލީޑާޝިޕާއި ހިއްސާ ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އިބޫ މިއަދު ބައިވެރިވެވަޑައިގެންނެވިއިރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ވަނީ ތަކުރާރުކޮށް ސުވާލު ކޮށްފަ އެވެ.
އެ ސުވާލުތަކާއި ގުޅިގެން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުން އެމްޑީޕީގެ ލީޑާޝިޕާއި ހިއްސާކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމެވި ނިންމެވުމެއް ހާމައެއް ނުކުރެއްވި އެވެ.
މީގެއިތުރުން އިބޫ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމަށް ޝައުގުވެރިވާ ފަސް ވަރަަކަށް ބޭފުޅުން ތިއްބެވިކަމަށެވެ. އަދި ވާދަވެރި އެތެރޭގެ މަސައްކަތްތައް ކުރުމަކީ ވަރަށް އެދިވަޑައިގަންނަވާ ގޮތެއްކަމަށްވެސް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ ކިބައިންވެސް އެންމެ އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ޝާމިލުވެވަޑައިގަތުން ކަމަށެވެ. 2028 އަންނަންދެން އަދި ވަރަށް ގިނަ މަސައްކަތް ކުރަންހުރި ކަމަށްވެސް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ނިންމެވި ނިންމެވުމެއް އިބޫ ހާމައެއް ނުކުރެއްވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ނިންމެވުން ހާމަކުރައްވައިފިނަމަ ޕާޓީއަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށެވެ.