ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އިބޫ މިއަދު ބައިވެރިވެވަޑައިގެންނެވިއިރު އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވުމުން މަރުހަބާ ކިޔުއްވުމަށް ގުޅުއްވި ކަމަށާއި އެ ފޯނު ކޯލުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.
އޭގެފަހުން އިންތިހާބީ ރައީސްއާ ބައްދަލުކުރެއްވުމުގެ ގޮތުން މުއިއްޒުއާ ބައްދަލުކުރެއްވިކަން ފާހަގަކޮށް އިބޫ ވިދާޅުވި އެ ބައްދަލުވުމުގައިވެސް ޔާމީން މިނިވަންކުރުމާގުޅޭ ވާހަކައެއް މުއިއްޒު ނުދައްކަވާ ކަމަށެވެ. އަދި އެދުވަހު ޔާމީން ގެއަށް ބަދަލުކުރައްވާ ވާހަކަ މުއިއްޒުއާ ހިއްސާކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް އިބޫ ވިދާޅުވި އެވެ.
ޔާމީން މާލެ ގެންނަ ވާހަކަ ދެންނެވުމުން އެބޭފުޅުންނަށް ހައިރާންކަމެއް ލިބިވަޑައިގަތްކަމަށް އިބޫ ވިދާޅުވި އެވެ. އަދި ޔާމީން މާލެއަށް ބަދަލުކުރެއްވީ އެއްވެސް ހާލެއްގައި މުއިއްޒު ނުވަތަ އަބްދުއްރަހީމް އެދިވަޑައިގެން ނޫންކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުނެވެ. އަދި ޖަލު ހުކުމުން ގެޔަށް ބަދަލުކުރައްވާފައިވަނީ ރިޔާސީ އިންތިހާބަށްފަހު އެވެ. އެ މައްސަލައިގައި ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުން މިހާރު ބާތިލުކޮށްފައިވާއިރު އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.