ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާއި ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބަންޑާރަނައިބާއި ބައްދަލުކުރައްވައިފި އެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާ ބައްދަލުކުރައްވައި މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައިވާ ކަމަށެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެބޭފުޅުންނަށް ބަންޑާރަނައިބު ދެއްވި ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެ އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އެމްޖޭއޭއިން ބުނެފައިވަނީ މި ބައްދަލުވުމުގައި މިބިލަށް ސަރުކާރުން ތާއީދު ނުކުރާކަން އޭޖީ ހާމަކުރައްވާފައިވާ ކަމަށެވެ.
We are encouraged by the guarantee from the AG and information minister that the government does not support the current "media control bill".
We look forward to an official decision from the government rejecting the bill.#CTRLehNukureveyne #CTRLbillBeyrukurey https://t.co/h2vCPje2Lo
— Maldives Journalists Association (@mjamaldives) November 17, 2024
މިބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މަޖިލީހަށް މިހާރު ހުށަހަަޅާފައިވާ ބިލާއި ގުޅޭގޮތުން ނޫސްވެރިން އަދި އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ ބިލާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރުމަށްވެސް އެމްޖޭއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އެވެ.
މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ.