ޓޫރިޒަމްގެ ވިޔަފާރިތައް މަރު ނުވާނެ ގޮތަކަށް ސަރުކާރުން އަމަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސޯލިހު މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކުންފުނިތަކުގެ ތެރެއިގައި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހިމެނެ އެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސޯލިހް މިއަދު ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް މަހެއްގެ މައްޗަށް މުސާރަތައް ދިނުމަށް 1.1 ބިލިއަން ރުފިޔާ ހަރަދުކުރަމުންދާ ކަމަށާއި އެފަދަ ހަރަދުތައް ކުރުމަށްޓަކާ ވިޔަފާރިވެރިންގެ އަތުން މިހާރުވެސް ޓެކްސްތައް ނަގަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ވިޔަފާރިވެރިންނަށް ލިބޭ އާމްދަނީން 30 ޕަސެންޓް ޓެކްސް އަށް ދައްކަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެެ.
"ވިޔަފާރިތައް މަރުނުވާ ގޮތަށް، އަނެއްކާ ރަންބިސް އަޅާ ކުކުޅުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ މަރާލައިގެން ނުވާނެ އިނގޭތޯ. އެ ބިސް އެޅޭނެ ގޮތަށް ރަނގަޅު ސިއްހަތުގައި ބައިންދަން ޖެހޭނެ." ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއެކު ސަރުކާރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިއްޖެނަމަ އެކަމާ ދެކޮޅު ނުހަދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ކަނޑައެޅި މިނިމަމް ވޭޖަކީ ވެސް އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވަރަށް ދިގު މަޝްވަރާތަކެއް ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.