Last Updated: November 21, 13:32
Thursday, November 21, 2024
ޚަބަރު

ކަރަންޓް ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު - ފޮޓޯ: ފެނަކަ

ފާއިތުވި އަހަރެއްހާ ދުވަހަކީ، ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށާއި ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކަ އިން ބުނީ މީގެތެރޭގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އެގޮތުން ފެނަކަ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 56 ރަށަކަށް ޖުމްލަ 61 ޖެންސެޓް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފޯރުކޮށްދީފައިވާއިރު، މިއީ މެގަވޯޓުން ބަލާނަމަ ޖުމްލަ 36.7 މެގަވޯޓުގެ ކުރިއެރުމެއް ކަމަށް ފެނަކަ އިން ބުނެ އެވެ. އަދި އައު ޖެންސެޓްތައް ހޯދުމުގެ އިތުރަށް، މިހާރު ބޭނުން ކުރަމުންދާ ގިނަ ޖެންސެޓްތަކެއް އޯވަހޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ފެނަކަ އިން ވަނީ ކޮށްފަ އެވެ. އޭގެތެރޭގައި، އައު ޓްރާންސްފޯމަރުތައް އިންސްޓޯލްކުރުމާއި، މިހާރު ހުރި ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުން ހިމެނެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރެވެމުންދާ ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތްވެސް ފާއިތުވެ މިދާ އަހަރު ފެނަކައިން ވަނީ ކޮށްފަ އެވެ. އެގޮތުން ބ.ތުޅާދޫ، ހދ.ނޮޅިވަރަންފަރާއި ތ.ތިމަރަފުށީގައި އަލަށް ޤާއިމްކޮށްފައިވާ 360 ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އާބާދީ ބޮޑު ތިން ސިޓީކަމުގައިވާ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަންތަކެއް ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ސޮއިކޮށް އެ މަސައްކަތް ވަނީ ފަށާފަ އެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި 32 މެގަވޯޓު އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައި 20 މެގަވޯޓު ކެޕޭސިޓީގެ ޕަަވަރ ޕްލާންޓެއް ޤާއިމްކުރުމެވެ.

މި ތިން ސިޓީގެ އިތުރުން ލ.ގަމުގައިވެސް 20 މެގަވޯޓު ކެޕެސިޓީގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރުމަށް އެމްއޯޔުއެއްގައި ވަނީ ސޮއިކުރެވިފަ އެވެ. އޭގެތެރެއިން އައްޑޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސީޕީއެސް ޤާއިމްކުރުމަށް ކޮންޓްރެކްޓަރަކާއި ޙަވާލުކޮށް، އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފަ އެވެ.

ފެނަކައިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެޓްތަކުގެ ތެރެއިން އައު ތިން އޮފީސް އިމާރާތަކާއި ތިން ރަށެއްގައި ކުރިއަށް ދިޔަ ޑެގްރޫމް އެކްޓެންޝަން ޕްރޮޖެކްޓެއް ވަނީ މިއަހަރު ނިންމާލާފަ އެވެ.