2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެންމެ ބޮޑު ބިރުވެރިކަމެއް އުފެދިގެންދިޔަ އެއްކަމަކީ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ނުރައްކާތެރި 2 ކުށްވެރިޔަކު ޖަލުން ފިލި ޙާދިސާއެވެ.
ޖަލުން ފިލިތާ ހަފްތާއެއް ހާ ދުވަސް ފަހުން ނުރައްކާތެރި 2 ކުށްވެރިން އަތުލައިގަތުމަށް ފަހު ފުލުހުން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވެސް ބުނެފައިވާ ގޮތުގައި އެކަމާއި ބެހޭ ފުރިހަމަ ތަޙުޤީގެއް ކުރާނެ ކަމަށެވެ.
މާފުށީ ޖަލުން ނުރައްކާތެރި ދެ ކުށްވެރިން ފިލާފައިވަނީ ދުރާލައި ރާވައިގެން ކަމަށާއި އެ ދެ ކުށްވެރިން ފިލާނީ ބޮޑެތި ޖަރީމާތަކެއް ހިންގަން ކަމަށް ޤަބޫލު ކުރެވޭކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަދިވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ނުރައްކާތެރި ދެ ކުށްވެރިން ފިލުމަށް އެހީތެރިވެދީ އެ ދެ ޤައިދީން ފިލުވައި ފޮރުވައިގެން ގެންގުޅުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެ އެހީތެރިކަން ފަރާތްތަކުގެ ތަޙުގީގް ފުލުހުން ކުރިއަށް ގެންދާތާ އަހަރެއް ވާން ކައިރިވެފައިވާއިރު އަދިވެސް އެ މައްސަލައިގެ ތަޙުޤީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިވާކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ކަންތައްތަކެއް ހިތުދަސްކޮށް، ކަންތައްތަކެއް ރޭވިގެން. ކަންތައްތަކެއް ކުރާނެ ގޮތް، ވަކި ވަގުތެއްގައި މިވެނި ކަމެއް ކުރަން ރޭވިގެން ވަރަށް ބޮޑަށް އެކުވެގެން މި މަސައްކަތްތައް ކޮށްފައި ވަނީ. ހަމަ ފުރުސަތެއް ލިބުނީމާ ފިލާފައެއް ނޫން މިހިރީކީ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެފައިވެއެވެ.
ޝަހުމް އާއި ފަރިޔާޝް ފިލިކަން ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާރވިސްގެ ބޭފުޅުންނަށް އެނގިފައިވަނީ ވެސް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކާއި ގުޅިގެން ފުލުހުން ކަރެކްޝަނަލް ސާރވިސް އަށް ގުޅައި އެމީހުން ޖަލުގައި ތިބިތޯ ބެލުމުން ކަމަށް ވެއެވެ.
އާންމު ރައްޔިތުންގެ ތެރޭގައި ބޮޑެތި ނުތަނަވަސްކަމެއް އުފެދިގެން ދިޔަ ނަމަވެސް ފުލުހުންނާއި ސިފައިން ގުޅިގެން ކުރި ބުރަ މަސައްކަތްތަކަށް ފަހު ޝަހުމާއި ފަރިޔާޝް ވަނީ އަތުލައިގެންފައެވެ.
ނުރައްކާތެރި 2 ކުށްވެރިން ޖަލުން ފިލާފައިވަނީ ރޭވުމެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާއިރު އަދިވެސް އެރޭވުމަކީ ކޮބައިކަން ފުލުހުންނަށް އެނގުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް 2 ކުށްވެރިން ޖަލުން ފިލައިގެން އުޅުނު ދުވަސްވަރު ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ތުހުމަތުކޮށްފައިވާ ގޮތުގައި ކުށްވެރިން ޖަލުން ފިލާފައިވަނީ ސިޔާސީ މީހަކަށް ޙަމަލާއެއް ދިނުމަށް ކަމަށެވެ.
"ސިފައިން ސީދާ ހަތިޔާރު ބޭނުންކޮށްގެން 2 ކުށްވެރިން ހޯދާނެ ކަމަށް ބުނުމުން އޭގެ މާނައަކީ ތްރެޓް ލެވެލް ވަރަށް ހައި އޭ . ކޮންމެވެސް ހައި ޕްރޮފައިލް ބޭފުޅަކަށް ތްރެޓެއް އޮވެގެން ކަމަށް އަޅުގަނޑަށް ބޮޑަށް ޤަބޫލު ކުރެވެނީ" ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު 'އައްޑޫލައިވް' އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
ރަޙުމްކުޑަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހިސާބުން ދިވެހިރާއްޖޭގައި ކޮންޓްރެކްޓަށް މީހުންނަށް ޙަމަލާދިނުމުގެ ސަޤާފަތެއް އުފެދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށް ޝަހުމް އާއި ފަރިޔާޝް ޖަލުން ފިލުމާއި އެކު ހުރިހާ މަޖިލިސް މެންބަރުންގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވެއެވެ.
މީގެ ތެރެއިން ވެސް އެންމެ އަޅައިގަންނަ އެއް ކަމަކަށް ވެފައިވަނީ ދިވެހި ރާއްޖޭގެ ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ އެދުވަސް ވަރު ވަރުގަދަ ކުރުމަށް ކުރެވުނު މަސައްކަތެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހުމް އާއި ފަރިޔާޟު ޖަލުން ފިލުމާއި ގުޅިގެން ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ދިރިއުޅުއްވަމުން ގެންދެވި ހިލާލީގޭގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.
ހިލާލީގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވަނީ އިންޓެލްއަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ކަމަށްވެއެވެ.
ޝަހުމް އަތުލައިގަތުމަށް ފަހު ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވަނީ ޝަހުމާއި ފަރިޔާޝް އަތުލައިގަތީ "ޑީލެއް" ހޯދަން ހޭބޯނާރައި އުޅެނިކޮށްކަމަށެވެ.
އުމަރު ވިދާޅުވީ ޝަހުމާއި ފަރިޔާޝްގެ މަގްސަދަކީ ޖަލުން ފިލައިގެން ރަށު ތެރޭގައި އުޅުން ނޫން ކަމަށެވެ. އެ މީހުންގެ ބޭނުމަކީ ރަށު ތެރެއަށް ނުކުމެ ނުރައްކާތެރި މަސައްކަތްކޮށް، މީހެއްގެ ފުރާނަ އަށް ނުރައްކާކުރުން ނުވަތަ ބޮޑު ވައްކަމެއް ނުވަތަ ފޭރުމެއް ހިންގުން ކަމަށެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު މިގޮތަށް ވިދާޅުވެފައިވާ އިރު ނައިބް ރައީސްގެ ސެކިއުރިޓީ ވަރުގަދަ ކުރީ ކީއްވެ ހެއްޔެވެ؟ ނައިބް ރައީސްއަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޝަހުމް އާއި ފަރިޔާޝް ބޭނުން ކުރަން އުޅުނީ ހެއްޔެވެ؟ ނޫނީ ފުރާނަ ދުއްވާލަން ރާވާފައި އޮތީ ނައިބް ރައީސްގެ ހެއްޔެވެ؟
ނައިބު ރައީސްގެ މަޤާމު ހުސްކޮށްލުމަށް އޭރުގެ ޕްލޭން އަކީ އެއީކަމަށް ވެސް ވެދާނެ ނޫންތޯއެވެ ؟ ހައްތާވެސް ސުވާލުތަކެވެ.
ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ މިފަދަ ބޮޑެތި ސުވާލުތަކަށް ޖަވާބެއް ނުލިބި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް "އަމާން" ކަމެއް ނެތް ކަަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވި ބަސްފުޅުގެ ތެދުކަން ދިވެހި ރައްޔިތުންނަށް ހާމަވެ ސަރުކާރުގެ ބޮޑު ވަޒީރުން އަޑީގައި ތިއްބަވާ ބޮޑެތި ޖަރީމާތައް ހިންގަވާ ކަން ރައްޔިތުންނަށް ހާމަވެގެން ދާނެ ދުވަހެކެވެ.