Last Updated: January 29, 00:44
Tuesday, January 28, 2025
ޚަބަރު

ސީޓު އެއާ ކާގޯ ހިދުމަތުން ތިން މިލިއަން ޑޮލަރު ލިބިއްޖެ

ސީޓު އެއާ ކާގޯގެ ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް މިހާތަނަށް 3 މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.

މި ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު، ފެއްޓެވި މަސައްކަތްތަކުގެ ތެރޭ ހިމެނޭ "ސީޓު އެއާ ކާގޯ" ގެ ޚިދުމަތް ވަރަށް ބާރަށް ފުޅާވަމުންދާ ކަމަށެވެ.

މިއަހަރުގެ މެއި މަހު ފެށުނު މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާ ކަމަށާއި މިއީ ރާއްޖޭގެއިގުތިސާދަށް ބޮޑު މަންފާއެއް ކުރާނެ ސިނާޢަތެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"ހިސާބުތައް ދައްކާގޮތުން މިހާތަނަށް ކަނޑުމަގުން ރާއްޖެ އައި 210 ކޮންޓެއިނަރުން 1008000 ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވިފަ އެވެ. މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭ، އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެ އެވެ" އޭނާ ވިދާޅުވި އެވެ.

މި ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބައިނަލްއަގުވާމީ އެއާލައއިންތަކާ ގުޅިގެން ފުޅާ ކުރަމުން އަންނަ ހިދުމަތެކެވެ. ހިދުމަތް ފެށީ މި އަހަރުގެ މާޗު މަހު އެވެ.