މި ސަރުކާރަކީ ނަތީޖާ ނެރޭނޭ ސަރުކާރެއް ކަމަށާއި، ނަތީޖާ ނެރެން މަސައްކަތްކުރަނީ ޖޯޝާއެކު، ހަލުވި ދުވެލީގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއް ރައްޔިތު މީހާއާ ހަމައަށް ގެނެސްދެވިފައިވާ ކަމަށެވެ.
އެގޮތުން، އެއާ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކޮށް، 540 ބަލި މީހުން ފަރުވާއަށް ގެންގޮސްދީފައިވާކަމާއި، އައިވީއެފް އާއި ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް އާސަންދައިގެ ދަށުން ފަހިކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދެއްވުމުގެ އަމާޒުގައި މެންޓަލް ހެލްތު ހެލްޕްލައިން ޤާއިމުކުރައްވައި، އެ ވަޞީލަތް މެދުވެރިކޮށް، ޒުވާނުންނަށް ތަސައްލީ ދެވިފައިވާ ކަމަށާއި ކުއްލި ޙާލަތްތަކުގައި އެހީ ހޯދުމަށް ގިނަ ނަންބަރުތަކަށް ގުޅުމުގެ ބަދަލުގައި އެއް ނަންބަރުން ޚިދުމަތް ލިބޭނޭ އެމަޖެންސީ ސަރވިސް ނަންބަރު، 911 ވެސް މިދިޔަ 52 ހަފުތާގެ ތެރޭގައި ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން، ވަގުތު ފާއިތުނުވަނީސް ދިނުންކަން ފާހަގަކުރައްވައި ރައީސް ވަނީ، ރާއްޖޭގައި ބޮޑު މައްސަލައެއް ކަމުގައިވާ ތެލެސީމިއާ ބަލީގެ މައްސަލައިގައި އަޅުއްވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، ވޭތުވެ ދިޔަ 52 ހަފުތާގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް 14 ކުދިން ފޮނުވާފައިވާކަން ހާމަކުރެއްވި އެވެ.
ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރުންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ ބޯހިޔާވަހިކަމުގައި ހޯއްދަވައިދެއްވާފައިވާ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އަސާސީ ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށްޓަކައި، އިޖުތިމާޢީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ގެދޮރު ލިބި، އެއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންނަށް ލުއިތައް ހަމަޖައްސައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން 2025 ގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓުކަން ފާހަގަކުރައްވައި، ނުފޯރާ ފަށުން ލޯނު ނަގައިގެން ގެއަޅަން ޖެހޭ ޖެހުމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށާއި ވަޢުދުވެ ވަޑައިގެންފައިވާގޮތަށް، ފަސް އިންސައްތައަށް ވުރެ އިތުރު ނޫން ސަރވިސް ޗާޖަކާއެކު، އިސްލާމީ އުޞޫލުން ފައިސާ ދޫކުރާ ލޯން ސްކީމެއް ތަޢާރަފުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.