Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު

މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް - ފޮޓޯ: މަޖިލިސް

މަސްދަޅު ކޭހަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.

އައްބާސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަކީ ސަރުކާރާ ދެކޮޅު މީހެއް ނޫން ކަމަށާއި އަދި ސަރުކާރުން ކިޔާހާ ލަވަޔަކަށް އަތްޖަހާ، ބެރުޖަހާ، ނަށާނެ މީހެއްވެސް ނޫން ކަމަށެވެ.

"ސިޔާސީ ވަޒީފާތައް ދެއްވާފައިވާ ބޭފުޅުންކޮޅު ހައްލާ ލެވުނަސް މަސްދަޅު ކޭހަކަށް ރައްޔިތުން ހައްލާ ނުލެވޭނެ. ފުލުފުލުން އެެތަކެެއް ޖަލްސާތަކެއް ބާއްވަވާ ބަހާއި އަމަލު ދިމާ ނުވާ ކިތަންމެ ވަޢުދެއް ވެވަޑައިގެންފި. ގައުމަށް، ރައްޔިތަކަށްވީ ރަނގަޅެއް އަދި ނެތް،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކެފޭތަކާއި، ރެސްޓޯރެންޓް ތަކާއި، އެހެނިހެން ތަންތަނުން ދިމާވި ރައްޔިތުންގެ ތެރެއިން ސަރުކާރު ރަނގަޅޭ ބުނި ހަމަ އެއްވެސް ރައްޔިތަކާ ދިމާ ނުވާ ކަމަށެވެ. އަދި އޭނާގެ ދާއިރާގެ ރައްޔިތުން އެދެނީ ތަރައްޤީ ކަމަށާއި ދާއިރާ އަށް ތަރައްޤީ ލިބެމުން ދާނަމަ އޭނާގެ އަދި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

"އެކަމައްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑު ވާނަން. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ބަހާ އަމަލުން ދައްކަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވަނީ ދާއިރާގެ ރައްޔިތުން އެދޭ ތަރައްޤީ ނާންނަ ނަމަ ސަރުކާރު ދިފާއު ކުރުމަށް އަބަދު ސަނާ ކިޔާނެ މީހަކަށް އޭނާ ނުވާނެ ކަމަށާއި ވަފާތެރިވާނީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވެފަ އެވެ.