އާސަންދަ ސްކީމް ހުއްޓާލައި ހެލްތު އިންޝުއަރެންސްގެ އާ ސްކީމެއް އަލުން ފަށަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އޭނަ ވިދާޅުވީ އާސަންދަ ރިފޯމްކުރުމަކީ ހައްލަކަށް ނުވާނެ ކަމަށާއި އެ އޮތީ ރިޕޯމްކުރާ ވަރަށް ހާލަތު ގޯސްކޮށް ކަމަށެވެ.
އެގޮތުން އާސަންދަ އަކީ ދައުލަތަށް އުފުލަން ޖެހިފައިވާ ބުރައެއްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ އާސަންދަ ސްކީމަށް ކުރަން ޖެހޭ ޚަރަދުތައް ވަރަށް ބޮޑު ކަމަށެވެ. އޭނަ ވިދާޅުވީ އާސަންދައިގެ ކަންކަން މާލިއްޔަތު ކޮމިޓީން ބެލިބެލުމުގައި ވެސް އެ އޮތީ ވަނީ ރަނގަޅު ނުކުރެވޭ ވަރަށް ގޯސްވެފައި ކަމަށެވެ.
"އަސްލު ކެންސަރު ޖެހިފައި ވަނީ އާސަންދަ އަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެހެން ވިސްނުމެއް ގެންގުޅެން،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއާ މޯލްޑިވްސްއާ އެހެން ކުންފުނިތައް ވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުން ބަލުން ފަށަންވީ ކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން އެބަ ޖެހޭ."
އޭނަ ވިދާޅުވީ އާސަންދައިން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ހަދާފައި ހުރި ކޮންޓްރެކްޓްތަކުގައި ހިދުމަތްތަކުން ނަގާ އަގުތަކަކީ ވެސް ގަބޫލުކުރަން ދަތި ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ. އަދި މިކަން ހިނގަނީ ބަޔަކަށް ބައި އެޅޭ ގޮތަށް ހަދާފައި ހުރި އެގްރިމަންޓްތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ އާސަންދަގެ ބަދަލުގައި އާ ކުންފުންޏެއް ހަދާފައި ނަމަވެސް އެ އެގްރިމަންޓްތައް ބާތިލުކޮށް ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އާސަންދަ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ.