ކުރިއަށް އޮތް އަހަރުތަކުގައި ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށާއި މިއީ ރައްޔިތުންނަށް ދެވޭ ޝޮކެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސްގެ ތެރެއިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނަ ވިދާޅުވީ ބަޖެޓުގައި ބޮޑުތަނުން ސަބްސިޑީތައް ކަނޑާފައިވާ ކަމަށެވެ.
"ކާބޯތަކެއްޗަށް ދޭ ސަބްސިޑީ ވަނީ 352 މިލިއަނުން 93 މިލިއަނަށް 2025 ވަނަ އަހަރު ދަށްކޮށްފައި. އަދި 2026 އަދި 2027 ގައި އެންމެ 3 ލައްކަ ރުފިޔާއަށް ދަށްކޮށްފައި،" ކުޑޫ ވިދާޅުވި އެވެ. "ކުއްލިއަކަށް އަސާސީ ކާބޯތަކެތިން މިހާ ބޮޑަށް ސަބްސިޑީ ކަނޑާލީމަ ރައްޔިތުންނަށް ލިބޭނީ ޝޮކެއް."
ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކަރަންޓާއި ތެލުން ވެސް ސަބްސިޑީ ކެނޑުމަށް ނިންމައިފައިވާ ބަޖެޓާ ގުޅޭ ގޮތުން، އޭނަ ވިދާޅުވީ މިއީ ހައްހަތާ ވެސް ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވާނެ ކަންކަން ކަމަށެވެ.
"މި އަހަރު 300 މިލިއަން ކަނޑާލައިފި. 2025 ގައި 400 މިލިއަން ކަނޑާލައިފި. 2026 ގައި އިތުރު 200 މިލިއަން ކަނޑާލަން މިވަނީ ނިންމާފައި،" ކުޑޫ ވިދާޅުވި އެެވެ. "ދެހާސް ފަންސަވީހިގެ ބަޖެޓްގައި ކަރަންޓު ބިލަށް ސަބްސިޑީގެ ބަދަލަށް 700 މިލިއަން ރުފިޔާ ރައްޔިތުން އިތުރަށް ދައްކަން ޖެހޭ."
އޭނަ ވިދާޅުވީ ކަރަންޓަށް ސަރުކާރުން ދޭ ސަބްސިޑީ ކެނޑުމުން މަސައްކަތްކުރާތާ އަހަރެއްވާއިރު، ކޮންމެ ރައްޔިތަކު 5،000ރ އިތުރަށް ދައްކަން ޖެހޭނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ތެލުގެ ސަބްސިޑީ އަށް އޮތީ 433 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން 1.8 ބިލިއަން ރުފިޔާ އިތުރަށް ރައްޔިތުންގެ އަތުން ހޭދަވާނެ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެއީ މަސައްކަތްކުރާ މީހަކަށް އަހަރަކު 12،000ރ. ކަމަށް ވިދާޅުވި އެވެ.