Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

މުލިއާގޭ ގަރާޖު އިމާރާތުގައި ޒުވާނުންގެ މަރުކަޒެއް ހަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުލިޔާގެ ގަރާޖު ހިންގާ އިމާރާތާއި ގޯތީގައި ޒުވާނުންގެ މަރުކަޒެއް ތަރައްގީ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުން ބުނީ މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށްވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު، ޒުވާނުންގެ ތާޑް ސްޕޭސް މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ޒުވާނުންނަށް ޚާއްޞަ "ތާޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިގޮތުން މި ތަނުގައި ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކި ކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ޒުވާނުންގެ ތާޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގަ އެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ޞިއްޙަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.