ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މި ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެމްއެމްއޭ އިން މިރޭ ބުނީ އެ އޮތޯރިޓީން އެކުލަވާލައި މި އަހަރުގެ އޮކްޓޫބަރު 1 ގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތަށް، ވަރަށް ގިނަ ވިޔަފާރިތަކުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. ގަަވައިދު ތަންފީޒު ކުރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި އެ އޮތޯރިޓީން ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޮންމެ ވިޔަފާރިއަކާއި ކޮންމެ ރައްޔިތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭގެ ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ވަނީ ބުނެފަ އެވެ.
އެ ކުންފުނިތަކުގެ ތެރޭގައި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހިމެނެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ޓޫރިޒަމް ވިޔަފާރިތަކުން 500 ޑޮލަރު އެމްއެމްއޭ އަށް މާރުކުރަންޖެހޭނެ ކަމަށެވެ.
"ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ، މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަން އިތުރަށް ތަންފީޒު ކުރަން އެމްއެމްއޭ އަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް މެދުވެރިކޮށް ފާސްކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރު އޮންނާނީ 100 ޕަސެންޓް ރައްޔިތުންނާ އެކު ކަމަށާއި މިއީ ސުވާލެއް ވެސް އޮންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.