ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަމުން ގެންދަވާ ޖަރީމާތައް ހުއްޓުވަން މުޒާހަރާ އަަށް ނިކުންނަން ތައްޔާރުވާން ޖެހިފައިވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އިން ރޭ ކުރިއަށް ގެންދިޔަ ނޭޝަންސް އެސެމްބްލީގައި ވާހަކަދައްކަމުން ޝިފާޒު ވިދާޅުވީ މި ސަރުކާރާއި ދޭތެރޭ އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ވެރިކަމަށް އައިއިރު އޮތް 49 ބިލިއަނުގެ ބަޖެޓަށް ހެދިގޮތް ސާފުކޮށް ނުދިނުން ކަމަށާއި، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވާން އަބަދު ޖާގަ ދީގެން ތިބޭނެ ކަމަށް ސަރުކާރުން ހީކޮށްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިންތިހާއީ ރުޅިވެރިކަން އެބައޮތް. ޝަކުވާ އެބައޮތް، ޒުވާބު އެބައޮތް. މަސްވެރިންނަށް ފައިސާއެއް ނުދެވޭ. މުސާރައެއް މިހާރު ރަނގަޅަކަށް ނުދެވޭ. ޕްރައިވެޓް ސެކްޓާގެ އެއްވެސް ވިޔަފާރިއެއް ނެތް. ރަށެއްގައި ހިނގާ އެންމެ ޕްރޮޖެކްޓެއް ނެތް. ކޮށްފައި ހުރި ކަމަކަށް ރުފިޔާއެއް ނުދެވޭ،" ޝިފާޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މަދުވާ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ތަކުލީފެއް ލިބެނީ ރައްޔިތުންނަށް ކަމަށް ޝިފާޒު ވިދާޅުވި އެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ޑިމޮކްރެޓްސްގެ ހަފްތާ ކަލަންޑަރަށް މަގުމަތީގެ މުޒާހަރާތައް އިތުރުކުރަން ވެސް ޝިފާޒު ވަނީ ގޮވާލާފަ އެވެ.
"އަޅުގަނޑުމެން ބެރިކޭޑެއްގައި ޖެހެންވީ. ޑރ. މުއިއްޒަށް އަޑުއިވޭ ވަރަށް އެ އަޑު އިއްވަން ބެރިކޭޑަށް ދާން ތައްޔާރުވާންވީ. މި މައިދާނުގައި ނެތް އެކަމަކަށް ފަހަތަށް ޖެހެން ބިރުން ދާނެ އެކަކު ވެސް،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވަނީ ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓުވައި، ސަރުކާރު ޖަވާބުދާރީ ކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ޑިމޮކްރެޓްސް އޮންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.