Last Updated: November 21, 22:11
Thursday, November 21, 2024
މުނިފޫހިފިލުވުން

އެންމެ ބޮޑު އުފަލަކީ ސަޕޯޓިވް ފިރިއަކު ހުރުން

އެންމެ ބޮޑު އުފަލަކީ އަމިއްލަ ކެރިއަރާއިގެން ކުރިއަށް ދާން ހިތްވަރުދޭ އަދި އެހާމެ ލޯބިވާ ފިރިޔަކު ހުރުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.

އިންޑިއާގެ ޔޫޓިއުބާ ރަންވީރު އައްލަބާޑިއާ އަށް ދިން އިންޓަވިއުއެއްގައި މަދޫރީ ބުނީ ފިރިމީހާ ޑރ. ސްރީރާމް ނޭނޭ އަކީ އަބަދު ވެސް ވަރަށް ސަޕޯޓިވް ފިރިއެއް ކަމަށެވެ. އަދި އެންމެ އުފާވާ ކަމަކީ އެންމެ ބޭނުންވި ކަހަލަ ފިރިޔަކު ލިބުން ކަމަށް ބުންޏެވެ.

"އަބަދު ވެސް އަހަންނަށް މަގު ދައްކައި ދޭން ހުރި މީހެއް ފިރިމީހާ އަކީ ކައިވެނީގެ ފަހުން. ހަގީގަތުގައި އަހަންނަށް ލިބުނީ ހަމަ އެންމެ ބޭނުންވި ކަހަލަ ފިރިއެއް،" މިހާރު ޒުވާން ދެ ފިރިހެން ކުދިން ވެސް ތިބި ބަތަލާ ބުންޏެވެ. "މީހުން ބުނެއްނު ކޮންމެ ކަމެއް ވާން ވެސް ރަނގަޅު ވަގުތެއް އޮވެއޭ. ހަމައެގޮތަށް އަހަންނަށް ކައިވެންޏަކާ ހަމައަށް ދެވުނީ އެންމެ ރަނގަޅު ވަގުތު، އެންމެ ބޭނުންވި ކަހަލަ މީހާއާ."

މަދޫރީގެ ފިރިމީހާ ނޭނޭ އަކީ އެމެރިކާގައި ދިރިއުޅެމުން އައި މެޑިކަލް ޑޮކްޓަރެކެވެ. އެ ދެ މީހުން ކައިވެނިކުރީ 1999 ގަ އެވެ. ކައިވެނީގެ ފަހުން އަހަރުތަކެއް ވަންދެން މަދޫރީ ފިލްމީ މަސައްކަތްތަކާ ދުރުވެ، އެމެރިކާގައި ވެސް ދިރިއުޅުނެވެ. އަދި އެއްކޮށް އަލުން އޭނަ އިންޑިއާ އަށް ބަދަލުވީ 2013 ގަ އެވެ.

އޭގެ ފަހުން ހުނަރުވެރި އަދި އެހާމެ ރީތި ބަތަލާ އަންނަނީ އޭނަގެ ރަސްމީ ޕްރޮފެޝަންގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އަދި މަދޫރީ އާއި ފިރިމީހާ އަކީ މިހާރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހަދައިގެން ފިލްމުތައް ޕްރޮޑިއުސް ވެސް ކުރާ ދެމަފިރިންނެވެ. ދެ މީހުން މިހާތަނަށް ޕްރޮޑިއުސްކޮށްފައި ވަނީ މަރާޓީ ފިލްމުތަކެވެ.

"އަހަންނަކީ އަބަދު ވެސް އަހަރެންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ދޭ މީހެއް. އަދި ފިރިމީހާ އަކީ އަހަރެން ކުރިއަށްދާން އަބަދު ވެސް ހިތްވަރު ދެމުން އަންނަ މީހެއް. އެއީ ކަންނޭނގޭ އަންބަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ،" މަދޫރީ ބުންޏެވެ. "އެހެންވެ އެއް އިރެއްގައި ވެސް އަހަންނަށް އިހުސާސެއް ނުކުރެވޭ ފިލްމީ މަސައްކަތްތަކާ ދުރަށް ދެވުުނު ކަމަކަށް."

ބެލުންތެރިން އަބަދު ވެސް ވަރަށް ލޯބިވާ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.