އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި ތަފުސީލުތައް ނެތުމުން އެ ބަޖެތެ އަނބުރާ ގެންދަން ރައްޔިތުން މަޖިލީހުގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ސަން ސިޔާމު9 ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީނީ ބަޖެޓް ހަރަދުކުރާނެ ގޮތުގެ ތަފުސީލުތައް ބަޖެޓްގައި ޖަހާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ ހައްގުގައި އެ ބަޖެޓް އަނބުރާ ގެންގޮސް ތަފްސީލުތައް އެނގޭނެހެން އަލުން ހުށަހަޅައި ދޭން ސަރުކާރަށް ސިޔާމު ވަނީ ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު މަޖިލީހުގައި އެކާވީސް އަހަރު މި ވަނީ. މިއީ އަޅުގަނޑު މަޖިލީހުގެ އުމުރުން ފުރަތަމަ ފަހަރު ތަފުސީލެއް ނެތް ގޮތުގައި މި މަޖިލީހަށް ބަޖެޓެއް ހުށަހެޅިގެން ދިޔަ،" އޭނަ ވިދާޅުވި އެވެ. "މީގައި އަޅުގަނޑުގެ ދާއިރާގެ ރަށްތަކަށް، މީދޫއަށް، ބަނޑިދޫއަށް، ރިނބުދޫއަށް، ހުޅުދެއްޔަށް އަދި މި ގައުމުގައި ހުރި އެހެން ރަށްރަށުގެ ތަރައްގީއާ ބެހޭ އެއްވެސް ވާހަކައެއް މި ފޮތުގައި ބަޔާންކުރެވިފައެއް ނެތް."
ސަރުކާރު ހިންގާ ޕީއެންސީގެ ބައިވެރިއެއްގެ ގޮތުގައި ވެސް އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެމްޑީއޭ) ގެ ލީޑަރު ވިދާޅުވީ މިހާރު ބަޖެޓް އޮތް ގޮތުން އެއީ ސައްތައިން ސައްތަ ރަނގަޅު ބަޖެޓެއް ކަމަށް ބުނަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެއަށް ވޯޓް ދީފިނަމަ ނޭނގެެ ކަމަކަށް ވޯޓު ދެވޫނީ ކަމަށާއި އެއީ ދީނީ ގޮތުން ނުރައްކަލަކަށް ވެދާބެ ކަމަށް ވެސް ނުރައްކާކަން ސިޔާމު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނޭނގި ހުރެ އެއްޗަކަށް ވޯޓު ދެވުނީމާ ގިޔާމަތް ދުވަހުން ވެސް އެކަމުގެ އަޒާބު އަޅުގަނޑުމެންނަށް ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާނެ." އޭނަ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ ޖުމްލަ 56.6 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ.
މި ބަޖެޓްގައި ތަފުސީލުތައް ނެތް ކަމަށް ބުނެ އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.