މޯލްޑިވިއަނުން ވައިޑް ބޮޑީގެ މަތިންދާބޯޓު ގެނެސް އަންނަ ޖެނުއަރީގައި ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވައިޑް ބޮޑީ ބޯޓްތައް ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އަށް ގެނައުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި ޖެނުއަރީ ކުރީކޮޅު ފުރަތަމަ ބޯޓު އުދުހެން ފަށާނެ ކަަމަށެވެ.
މޯލްޑިވިއަނުން އޮތީ އޭ330-200 ގެ އެއާބަސްއެއް ގެންނަން ޓްރޫނޯޑްއާ އެކީ ޖުލައި 26 ގައި އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. ވައިޑް ބޮޑީ ބޯޓްތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ވަރުގެ ޖާގަ އޮންނަ ފުޅާ މަތިންދާބޯޓު ތަކެވެ. ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުންކުރާ މިފަދަ ބޯޓުތަކުގައި އާއްމުކޮށް ދެ އައިލް ހުންނަ އިރު އެވްރެޖުކޮށް 200-850 ފަސިންޖަރުން އުފުލޭނެ އެވެ.
މޯލްޑިވިއަނަށް ގެންނަ ޖުމްލަ 264 ގޮނޑި ހިމެނޭ އެއާބަހުގައި ތިން ކުލާހެއް ހިމެނެއެވެ. އެއީ 18 ގޮނޑީގެ ބިޒްނަސް ކުލާސް، 36 ގޮނޑީގެ ފްރިމިއަމް އެކޮނޮމީ ކުލާހުގެ އިތުރުން 210 ގޮނޑީގެ އިކޮނޮމީ ކުލާހެވެ.
ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.