Last Updated: November 21, 11:27
Thursday, November 21, 2024
ރިޕޯޓް

ސިޙުރާއި ކާހިނުކަމާއި އަތްބެލުމުގެ ނުބައިކަން

ސިޙުރަކީ ކުފުރެކެވެ. ބޮޑުވެގެންވާ ހަތް ފާފައިގެ ތެރެއިންވާ ފާފައެކެވެ. ސިޙުރު ހަދާމީހާ އިސްލާމް ދީނުގެ މިއްލަތުން ބޭރުވެގެންދެ އެވެ. ސިޙުރުވެރިޔަކަށް ސިޙުރުން ކުޑަ މިންވަރެއް ވެސް ﷲ ތަޢާލާއަށް ޝިރުކު ކުރުމަކާއިނުލާ ނެހެދޭނެ އެވެ. ސިޙުރުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ކުފުރުގައި އަޅާ ފުރަތަމަ ފިޔަވަޅެވެ. ސިޙުރަކީ އޭގައި އެއްވެސް މަންފާއެއް ނުވާކަމެއްކަމުގައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެ އެވެ.

( وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ )

މާނައީ: “އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ)

މާނައީ: “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައި ކަމުގައި ވިޔަސް އޭނާއަށް ކާމިޔާބެއް ނުލިބޭނެއެވެ.”

ސިޙުރު ހަދާމީހާއަކީ ﷲ ތަޢާލާއަށް ކާފަރުވެގެންވާ މީހެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ)

މާނައީ: “ސުލައިމާންގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލް ގައިވާ ހާރޫތު އާއި، މާރޫތު އާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން ތަބަޢަ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރު ނުވާށޭ ވިދާޅުވެ (ނަޞީޙައް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން ން އުނގަންނަވައެއް ނުދެއްވަތެވެ.”

ސިޙުރުވެރިޔާގެ (1) ޙުކުމަކީ ޤަތުލު ކުރުމެވެ. އަދި ސިޙުރު ހަދައިގެން އޭނާހޯދާ ފައިސާއަކީ ނަޖިސްވެގެންވާ ޙަރާމް މުދަލެވެ. ޖާހިލުންނާއި އަނިޔާވެރިންނާއި އީމާންކަން ބަލިކަށިމީހުން ސިޙުރުވެރިން ގާތަށް ދަނީ އެމީހުން ބޭނުންވާ މީހަކަށް ގޯނާއެއް ކުރުމަށް ނުވަތަ މީހުންގެ ކިބައިން ބަދަލު ހިފުމަށްޓަކައެވެ. އަދި ބައެއް މީހުނަށް ސިޙުރު ޖެހުމުން ސިޙުރުން ސިޙުރު ބާޠިލް ކުރުމަށްވެސް ސިޙުރުވެރިން ގާތަށް ދެއެވެ. އެހެން ނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ ރައްކާތެރި ކަމަކީ ހަމައެކަނި ﷲ ތަޢާލާއަށް އެކަނި ދެވޭނެ ކަމެއް ކަމެވެ. ސިޙުރު ޖެހުމުން އަޅުގަނޑުމެން ޝިފާހޯދަން ޖެހެނީ ﷲ ތަޢާލާ ޝަރުޢުކުރެއްވި ޒިކުރުތަކާއި އެއިލާހުގެ ކަލާމްފުޅު ކީތިރި ޤުރްއާން އިންނެވެ.

އަދި ކާހިނުންނާއި (2) އަތްބަލާމީހުންނަކީ (3) ﷲ ތަޢާލާ އަށް ކާފަރުވެގެންވާ ބަޔެކެވެ. އެމީހުން ޣައިބުގައުވާ ކަންތައް އެނގޭކަމުގައި ދަޢުވާ ކުރިކަމުގައި ވިޔަސް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޣައިބުގައިވާ އެއްވެސް ކަމެއް އެނގިގެން ނުވެއެވެ. ﷲ ތަޢާލާ ވަޙިކުރައްވާފއިވެއެވެ.

(وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ)

މާނައީ: “އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެއިލާހުގެ ޙަޟުރަތުގައެވެ. އެއިލާހު މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ.”

ކާހިނުންނާއި އަތްބަލާމީހުން މިފަދަ ދަޢުވާތައް ކުރަނީ ޙާޖަތް ޖެހިފައިވާ މީހުންގެ މުދާތައް ނުޙައްޤުން ކެއުމުގެ ބޭނުމުގައެވެ. މިކަށްޓަކައި އެމީހުން އެކި އެކި ވަސީލަތްތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ރަމަލު ޖެހުމާއި އަތްބެލުމާއި ތަށި ދުއްވުމާއި ފުޅި އެނބުރުމާއި މޫނުބަލާ ލޯގަނޑު ބޭނުންކުރުން ފަދަ ކަންތައް ހިމެނެއެވެ. މީގެ މީހަކު އެއް ފަހަރު ތެދެއް ހަދައިފި ނަމަ 99 ފަހަރު ދޮގު ހަދާނެ އެވެ.

އެހެން ނަމަވެސް ގިނަފަހަރު އެމީހުންގެ ގާތަށް ދާމީހުން ހަނދާން ހުންނަނީ ހަމައެކަނި އެމީހުން ތެދުހަދާ ފަހަރެވެ. އެހެންކަމުން މި ދޮގުވެރިންގެ ގާތަށް ކައިވެނީގެ މައްސަލަތައް ޙައްލު ކުރުމަށާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ކަންތައް ވާން އޮތްގޮތް ބެލުމަށާއި މުސްތަޤުބަލުގައި ޙަޔާތުގައި ކަން ހިނގާނެ ގޮތް ބެލުމަށާއި ގެއްލިފައިވާ ތަކެތި ހޯދުމަށް ބައެއް މީހުން ގޮސް ހަދަ އެވެ. މިގޮތަށް ދިޔުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

ސިޙުރުވެރިންނާއި، ކާހިނުންނާއި، އަތްބަލާމީހުންގެ ގާތަށް ދާމީހުން އެމީހުންގެ ގާތަށް ދަނީ އެމީހުން ދައްކާ ވާހަކަތައް ތެދުކުރާ ޙާލުގައި ކަމަށްވާ ނަމަ އެމީހުންގެ ގާތަށްދާ މީހުން ﷲ عز وجل އަށް ކާފިރުވެއްޖެއެވެ. މިގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅެވެ.

(( مَنْ أَتَى كَاهِنَا أَوْ عَرَّافَا فَصَدَقَه بِمَا يَقُوْلُ فَقَدْ كَفَرَ بِمَا أنْزَلَ عَلَى مُحَمَّد )) رواه الإمام أحمد 2\429

މާނައީ: “ކާހިނެއްގެ ގާތަށް ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މައްޗަށް ބާވައިލެއްވި އެއްޗައްސަށް ކާފަރުވެއްޖެއެވެ.”

އަދި އެމީހުންގެ ގާތަށް ދާމީހުން އެމީހުން ދައްކާ ވާހަކަ ތެދުނުކުރިޔަސް އެމީހުންގެ ނަމާދު 40 ދުވަސް ވަންދެން ﷲ عز وجل ޤަބޫލު ނުކުރައްވާ ހުށްޓެވެ.

(( مَنْ أَتَى عَرَّافَا فَسَأَلَه عَنْ شَيءٍ لَمْ تُقْبَلْ لَه صَلَاة أَرْبَعِيْنَ لَيْلَةٍ )) صحيح مسلم 4\1751

މާނައީ: ”އަތްބަލާމީހެއްގެ ގާތަށްގޮސް ކަމާކާއި ބެހޭގޮތުން ސުވާލުކޮށްފިމީހާގެ ނަމާދު 40 ރޭ ވަންދެން ޤަބޫލް ނުކުރެއްވޭ ހުއްޓެވެ.”

އަދި މި ނަމާދުތައް ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އަދި ތައުބާވުންވެސް ވާޖިބު ވެގެންވެއެވެ.

____________________________________________________

(1) ދިވެހި ރާއްޖޭގައި ސިޙުރުވެރިންނަށް ކިޔައި އުޅެނީ ފަންޑިތަވެރިންނެވެ.
(2) ދިވެހި ރާއްޖޭގައި ކަހާނަތުކަން ކޮށްއުޅެނީވެސް ސިޙުރުވެރިންނެވެ.
(3) މި ލިޔުމުގައި “އަތްބަލާމީހުން” މާނަކޮށްފައި ވަނީ ޢަރަބި ބަހުގައި “عَرَّافُ” އޭ ކިޔޭ މީހުންނަށެވެ. ޢައްރާފުންނަކީ މުސްތަޤުބަލުގައި ވާނެ ކަންތައް އެނގޭކަމަށް ދަޢުވާކޮށް މީހުންނަށް ބުނެދޭ މީހުނެވެ.

މަސްދަރު: ދިސަލަފިއްޔާ