Last Updated: November 22, 01:53
Thursday, November 21, 2024
ޚަބަރު

މިއީ ހާމަކަން ބޮޑު ސަރުކާރެއް: ޕީއެންސީ

މި ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރެއް ކަމަށް ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާ އެކު މާލިއްޔަތަށް އަމާނާތްތެރިވެ، ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރު ތެރޭ 70 އަށް ވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ކަމަށާއި، 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ. އެ މުއްދަތުގައި އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅައި ދަތި ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަދި އާރްޓީއައި ތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން ކުރީ ސަރުކާރުން ފަދައިން އިހުމާލުވެފައި ނުވާނެކަމަށާއި، އެކަން ތަފާސްހިސާބުތަކުން ފެންނަން އޮންނާނެ ކަމަށްވެސް ޕީއެންސީ އިން ވަނީ ބުނެފަ އެވެ. އެގޮތުން ފާއިތުވި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރުޓީއައި އަކަށް ޖަވާބު ނުދޭ ކަމަށާއި، ޖަވާބުދޭން ޖެހޭ ކަމަށް ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބު ނުދީ ހިފަހައްޓާފައި އޮތް ކަމަށް ޕީއެންސީ އިން ވަނީ ބުނެފަ އެވެ. ޕީއެންސީ އިން ބުނީ އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސް މުއިއްޒު ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 2024 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރުން އަހަރަށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، އެގޮތުން ފާއިތުވި ކޮންމެ އަހަރަކު 15 އިންސައްތައިން ދައުލަތުގެ ހަރަދުތައް އިތުރުވަމުން ދިޔަ ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ހަރަދުތައް އިތުރުވީ އެންމެ 2.5 އިންސައްތަ ކަމަށް ޕީއެންސީން ބުނެ އެވެ.

އަދި ހަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ސަބަބުން ބަޖެޓު ޑެފިސިޓު ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކުރަމުން ޕީއެންސީ އިން ބުނީ މި އަހަރުގެ ބަޖެޓު ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވި 3.6 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ.

ޕީއެންސީ އިން އިތުރަށް ބުނީ ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫތަކުގެ ހަރަދުތައް ރެކޯޑުނުކޮށް މި އަހަރުގެ ހަރަދުތަކުގެ ތެރެއަށް އެ ހަރަދުތައް ހިމަނަން ޖެހުމުން ކުރިމަތިވި މައްސަލަތައް ހައްލުކޮށް ކޮންމެ ހަފްތާއަކު އެއްފަހަރު ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފްސީލު މިހާރު ފިނޭންސް މިނިސްޓްރީއިން އާންމުކުރަމުން ދާކަމަށެވެ.