ބޮލީވުޑްގެ ތަރި ޝާކްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރި ސީރީޒް އަންނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދޭނެކަން މިއަދު އިއުލާންކޮށްފި އެވެ.
އެ އުފެއްދި ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓުން މިކަން މިއަދު އިއުލާންކުރުމާ އެކީ މި ސީރީޒް ބެލުންތެރިންނާ ހަމަައަށް އަންނަން ގާތްވުމުގެ ވަގުތު ކުޑަތަންވެފައިވާ ވާހަކަ ޝާހްރުކް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
އަރިއަންގެ މަންމަ ގޯރީ ޚާން ޕްރޮޑިއުސްކޮށްފައިވާ ސީރީޒް އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.
ނަމަކަށް "ސްޓާޑަމް" ކިޔާ ކަމަށް ބެލެވޭ މި ސީރީޒްގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ނިންމައި، މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެެ. ސީރީޒެއް ލިޔެ، ޑައިރެކްޓްކުރަން ނިންމިކަން އަރިއަން އިއުލާންކުރީ 2022 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އަރިއަން، 25، އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ކުއްޖާ އެވެެ.
ފިލްމީ ދާއިރާގެ ވާހަކަތަކެއް ކިޔައިދޭނެ ކަމަށް ބެލެވޭ ސީރީޒްއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ދީފައި ނުވާތީ މީގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް މިހާތަނަށް އޮތީ މުޅިން ކަށަވަރު ނުވެ އެވެ. އެކަމަކު "ސްޓާޑަމް" އިން ފެންނާނެކަން ޔަގީންވާ މީހުންގެ ތެރޭގައި މި އަހަރުގެ ޖުލައިގައި ރިލީޒްކުރި "ކިލް" އިން ތައާރަފުވި އެކްޓަރު ލަކްޝް އާއި ބޮބީ ޑިއޯލްގެ އިތުރުން މޯނާ ސިންގް ހިމެނެ އެވެ.
ސީރީޒްގެ ހާއްސަ ފެނިލުންތަކެއް ވެސް ގިނަ ތަރިންތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް، ރަންބީރް ކަޕޫރް، ރަންވީރު ސިންގް އަދި އަނަންޔާ ޕާންޑޭ ހިމެނެ އެވެ.