ވިޔަފާރިވެރިންނަށް ބަދުބަސް ބުނުން ހުއްޓާލަން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގޮވާލައިފި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހިސާބެއްގައި ނޫން ކަމަށާއި ރާއްޖޭގައި ތިބި ފުންނާބު އިސް ވިޔަފާރިވެރިންނާއި ސިޔާސީ ގޮތުން ދިމާކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެކުވެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަދި އަޅުގަނޑުމެންގެ ޕާޓީ، ޕީއެންސީއަށް އަދި މި ސަރުކާރަށް ނިސްބަތްވާ ހުރިހާ ސިޔާސީ ފަރާތްތަކަށާއި އަދި ޕާޓީގެ އެކްޓިވިސްޓުންނަށް އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނަށް ބަދުބަސް ބުނުން ހުއްޓާލަން،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ މައްސަލައިގައި އުއްމީދަކީ ސަރުކާރާއި ވިޔަފާރިވެރިންނާއި ދެމެދު މަޝްވަރާތަކެއް ކުރެވި، ދޭތެރެ މެދުގެ ރަނގަޅު ހައްލެއް ލިބިގެން ދިޔުން ކަމަށްވެސް ވިދާޅުވެފަ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ޓޫރިޒަމް ވިޔަފާރިތަކުން 500 ޑޮލަރު އެމްއެމްއޭ އަށް މާރުކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ، މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަން އިތުރަށް ތަންފީޒު ކުރަން އެމްއެމްއޭ އަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް މެދުވެރިކޮށް ފާސްކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރު އޮންނާނީ 100 ޕަސެންޓް ރައްޔިތުންނާ އެކު ކަމަށާއި މިއީ ސުވާލެއް ވެސް އޮންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.