Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ސިއްރުން ކުރާ ކަމެއް ނޫން

އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ސިއްރުން ކުރާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާޙިދު މިހެން ވިދާޅުވެފައިމިވަނީ ގާނޫނު އަސާސީ އަށް ބައެއް އިސްލާހުތައް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ބިލުތައް މާދަމާގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

މިކަމާ ގުޅިގެން ޝާހިދު މިރޭ ވިދާޅުވީ ޤާނޫނު އަސާސީ އަށް ބަދަލުގެންނަން ޖެހޭނީ އެ އިސްލާހަކާއި ދޭތެރޭ ފުރިހަމައަށް ބަހުސްކޮށް އެ އިސްލާހެއް ރައްޔިތުންނަށް ވެސް އެނގި މަޝްވަރާކުރެވިގެން ކަމަށެވެ. އަދި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ސިއްރު ސިއްރުން އަވަސް އަރުވާލައިގެން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެ މަގުންކަން ކުރަނީ ނުބައި ނިޔަތެއްގައި ކުރާކަމެއް ވީމައި،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅާފަ އެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.