ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފިނަމަ މަޖިލިސް މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ހުރިހާ ބާރެއް ވެރިކަން ކުރާ ޕާޓީއަަކަށް ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ކަމަށާއި ނަތީޖާއަކީ ގާނޫނު އަސާސީގައި ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވާހަކަ ދައްކައިފިނަމަ ނުވަތަ ވޯޓުދީފިނަމަ، އޭނާ ވަކިކުރުން ކަމަށެވެ. އޭރުން ދާއިރާގެ ޙައްގުގައި ނުވަތަ ގައުމީ މަޞްލަޙަތުގައި ވެސް ޕާޓީއާ ދެކޮޅަށް ދެން ވާހަކަ ނުދެއްކޭނެ ކަމަށާއި ރައްޔިތުންގެ ބާރު އެއްކޮށް ކެނޑުނީ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ކުރިއަރާފައި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް މެމްބަރަކު ޕާޓީގެ ވިސްނުމާ ދެކޮޅަށް ވޯޓު ދިނުމުން ވަކިކުރެވޭނީ ޕާޓީން ކަމަށާއި ނަމަވެސް މަޖިލިސް ގޮނޑި ނުގެއްލޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވަނީ ރާއްޖޭގައި ވެސް ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ސަރުކާރު ޖަވާބުދާރީ ކުރުމަކީ މެމްބަރުންގެ ޒިންމާ ކަމަށްވާއިރު އެކަން ދެން ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދާފަ އެވެ. އަދި ގައުމު ވިއްކަން ފާސްކުރަން ދިމާކޮށްފައިވާ ޙާލަތުގައި ވެސް ޕާޓީއާއި ދެކޮޅަށް، ނުވަތަ ދާއިރާގެ ޙައްގުގައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކައިފިނަމަ، ޕާޓީން ވަކިކޮށް ގޮނޑި ގެއްލޭނެ ކަމަށާއި ދާއިރާގެ ޙައްގުގައި، ނުވަތަ ގައުމީ މަޞްލަޙަތުގައި ވާހަކަ ދެއްކުމުން ގޮނޑި ގެއްލުމަކީ ޢައިރު ދުސްތޫރީ ވިސްނުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ހުށަހަޅާފައިވާ އިސްލާޙަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިޞްލާޙެއް. ޗެކް އެންޑް ބެލެންސް އެއްކޮށް ނެތިގެންދާނެ. މި އިސްލާޙު ގާނޫނު އަސާސީއާ ޚިލާފު. މިވެސް ގާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ބޮޑު ބަޙުސެއް އޮތް ކަމެއް. އިޞްލާޙު ފާސްކުރިޔަސް ތިކަމެއް ނުނިމޭނެ،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވަނީ މިއަދު ފެންނަނީ އެއްވެސް އެއް ބަޔަކަށް މަޖިލީހުގެ މިހާ ބޮޑު ސުޕަ މެޖޯރިޓީ އެއް ދިނުމުގެ ނުރައްކާ ކަމަށްވެސް ވިދާޅުވެފަ އެވެ.