Last Updated: November 21, 11:54
Thursday, November 21, 2024
މުނިފޫހިފިލުވުން

ރަހުމާންގެ 29 އަހަރުވީ ކައިވެނީގައި ސިއްކަ!

އޮސްކާ އެވޯޑް ވެސް ހޯދާފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިޝަން އޭއާރް ރަހުމާންގެ 29 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފި އެވެ.

އޭނަ އާއި އަންހެނުން ސާއިރާ ބާނޫ ވަކިވާން ނިންމިކަން ހާމަކޮށް ރޭ އާންމުކުރި ބަޔާނެއްގައި ބުނީ މި ނިންމުމަކީ ދެ މީހުންނަށް ވެސް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު ވަކިވާން ނިންމީ ދެމަފިރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދުރުކަމާ ހެދި ކަމަށެވެ.

ރަހުމާނާއި ސާއިރާގެ ކައިވެނި ރޫޅައިލަން ނިންމި އިރު، އެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅު ހަދީޖާ ރަހުމާން ވަނީ 2022 ގައި ކައިވެނި ވެސްކޮށްފަ އެވެ.

ރަހުމާން، 57، އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ މިއުޒިޝަނެވެ. މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން އޭނަ އަކީ ކުޅަދާނަ ލަވަކިޔުންތެރިއެއް ވެސް މެ އެވެ. ބޮލީވުޑްގެ އެތައް ފިލްމެއްގެ އިތުރުން އިންޑިއާގެ ދެކުނު އެތައް ފިކްމަކަށް އޭނަ މިހާތަނަށް މިއުޒިކް ހަދައި ލަވަ ވެސް ކިޔާފައިވެ އެވެ.

ރަހުމާނަށް އޮސްކާ އެވޯޑް ލިބުނީ ހޮލީވުޑްގެ 2008 ގެ ފިލްމު "ސްލަމްޑޯގް މިލިއަނާ" އިންނެވެ. އެގޮތުން އެ ފިލްމަށް އޭނަ ހަދައި ދިން ލަވަ "ޖޭ ހޯ" އަށް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑްގެ އިތުރުގެ ފިލްމުފެ ބެކް މިއުޒިކުން ވެސް އޮސްކާ ލިބުނެވެ.