އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
މި ގަރާރުގައި ބުނެފައިވަނީ މެންބަރު މީކާއިލް ނަސީލް ހުށަހަޅުއްވާފައިވާ ބިލު ވަކިގޮތެއް ނުނިމި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިއޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ.
ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ. އެފަދަ ކަންކަމުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.