އޮލިމްޕަހަށް މި އަހަރު ގެންނަ 12 ވަނަ ފިލްމު "ދޭދަރު ރުއިން" މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ދޭދަރު ރުއިން" ގައި ހިއުމަން ޓްރެފިކިން އާއި ގެވެށިނިއަނިޔާ ފަދަ ދިވެހިންގެ ތެރޭގައި މިހާރު ހުރި އިޖުތިމާއީ އެކި ކަހަލަ ބޮޑެތި މައްސަލަތެއް ދައްކުވައި ދޭނެ އެވެ.
ވަރަށް ތަފާތު ގޮތަށް ހުށަހަޅައި ދީފައިވާ ފިލްމުގައ ދައްކުވައި ދޭނި އެންމެ ދުވަހެއްގެ ތެރޭގައި ހިނގާ ޝައުގުވެރި އެތައް ހާދިސާތަކެކެވެ. އަަލިއަޅުވާފައި ހުންނާނެ އެވެ.
"ދޭދަރު ރުއިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާޒިފް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.
އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ބަވަތި" އާއި "ނީނާ" ވެެސް ގެނެސްދިން އައި ފިލްމްސް އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ.
"ދޭދަރު ރުއިން" މިރޭ ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ކެމެރާމަން ކޮކޯ ހަސަން ހަލީމް ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު "ގެއްލުނު ރޭ" އެވެ.