ރާއްޖެއިން އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމާ ދޭތެރޭ އިތުރަށް ވިސްނަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އެމްޑީޕީގެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވީ އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
މި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ ރާއްޖެއަށްވުރެ މާ މުއްސަނދި އަދި ފަލަސްތީން ރައްޔިތުންނާ މާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު، އެކަމުން ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ވެދާނެގޮތަކާއި މެދުވެސް ވިސްނާލަން ޖެހޭ ކަމަށެވެ.
އިޒްރޭލުގައިވެސް މުސްލިމުން އުޅޭކަމަށް ވިދާޅުވެ ސައުދުﷲ ވިދާޅުވީ އެ މީހުން ރާއްޖެއައުން މަނާކުރަންޖެހޭ ކަމަށް ނުދެކޭ ކަމަށެވެ. މީގެއިތުރުން ސައުދުﷲ ވިދާޅުވީ އިޒްލޭލުގެ އަމަލުތައް ކުށްވެރިކޮށް ޤަރާރެއް މަޖިލީހުން ފާސްކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާ ދޭތެރޭ އަދި އިތުރަށް ވިސްނާލަން ޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ. އެފަދަ ކަންކަމުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.