Last Updated: November 21, 11:40
Thursday, November 21, 2024
ޚަބަރު

މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން އިސްލާހެއް

މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ ދާއިރާތަކުގެ ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.

މީކާއިލް ހުށަހެޅި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ކުރެވުނު މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމި ހުރުމާމެދު އެ ދާއިރާގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށެވެ.

އަދި އެ މެންބަރަކު ވަކި ކުރުމަށް ނުފެންނަ ކަމަށް ދާއިރާގެ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތުގައި އެ މެންބަރަކު ހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއް ގޮތުގައި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. މި އިސްލާހު ފާސްކުރަން މިއަދު ހަވީރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ގަ އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.