ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.
ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އެއް ދުވަހުން ނިންމުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، ބަހުސް ކުރިއަށްގެންގޮސް އަދި ކޮމިޓީ މަރުހަލާވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި މި އިސްލާހު ފާސްކުރުމަށް މިއަދު ހަވީރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ އިސްލާހާއި މެދު ބާ ކައުންސިލްގެ އާންމު މެންބަރުންނާއި ޤާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެ ބިލާ ގުޅިގެން ބާ ކައުންސިލްގެ އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއްކަމަށް އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނަ ކަމަށެވެ.
އެހެންކަމުން އެ ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތެއް ދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ބާ ކައުންސިލުގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.
"ޤާނޫނުއަސާސީއަށްގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި، ޚިޔާލު ހޯދުމާއެކު، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއްކަމުގައި ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކޭހިނދު، ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭގޮތަށް މި ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް މި ކައުންސިލުން ގޮވާލަމެވެ." ބާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ޤާނޫނުއަސާސީއަށް ސަރުކާރުން ހުށަަހަޅާފައިވާ އިސްލާހުގެ ތެރެއިން ފާހަގަކުރެވެނީ މެންބަރުންގެ ގޮނޑި ގެއްލޭވެ ހާލަތް ބަޔާންކޮށް ހުށަހަޅާފައިވާ އިސްލާހެވެ. އެގޮތުން މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.