ފައިސާއަކަށް ނުގުޑާނެ ކަމަށާއި އަދި އަނގައިގާ އެޅުވޭނެ ބޮޑު ތަޅެއް ވެސް ނޯންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އައްދު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން އިސްލާހުގެ ބިލެއް ހުށަހެޅުމުންނެވެ.
އެ ބިލާއި ގުޅިގެން އައްދު ވިދާޅުވީ ޤާނޫނު އަސާސީ އަށް މި ގެނެވޭ އިސްލާހުން ހަމަ ޔަގީނުންވެސް އޭނާގެ އަނގައިގާ އެޅުވޭނެ ބޮޑުތަޅެއް އަދި އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެ ކަމަށާއި އޭނާ ސޮއިކުރަން ބޭނުންވާ ޕާޓީއެއްވެސް ނެތް ކަމަށެވެ.
"އަޅުގަނޑު އިންތިހާބުވެގެން އައީވެސް ޕާޓީއަކާއި ނުގުޅި 5 އަހަރު ސީދާ ރައްޔިތުން ތަމްސީލު ކުރުމުގެ ނިޔަތުގަ އެ ވައުދު ވެގެން. ޕާޓީއާއި ގުޅުމުގެ ފުރުސަތުވެސް ލިބުނު. ދެމި ހުންނާނީވެސް، ހުންނަން ބޭނުންވަނީވެސް މިނިވަންކަންމަތީ،" އައްދު ވިދާޅުވި އެވެ.
އައްދު ވިދާޅުވީ މިއަދު މަޖިލީހުގެ މުޅި ކޮމިޓީގައި ދެއްކި ވާހަކައެއް ދެއްކީ މެންބަރުން އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށާއި ކޮންމެ ޕްލެޓްފޯމެއްގައި ވެސް އިއްވަންޖެހޭ ހައްގު ބަސް އިއްވުމުގައި ތަންކޮޅެއްވެސް ފަސްނުޖެހޭނެ ކަމަށެވެ. އަދި އޭނާ އަކީ ބްލެކްމެއިލް އަދި ފައިސާއަށް ގުނޑާނެ މީހެއް ނޫންކަން އޭނާ ދަންނަ އެންމެނަށްވެސް އެނގޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކަމެއްގެ ދަށުވެފައި އަދި ދަށުވާނެ އެއްވެސް ކަމެއް ނޯންނާނެ ވާހަކަ މިހެން ހީވާ ހުރިހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު މިއަދު ހެނދުނު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލު މިއަދު މެންދުރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިއިރު، މިއަދު ހަވީރު 5:30 ގައި މަޖިލީހުގެ ތަޅުމުން ފާސްކުރަން ވަނީ ތާވަލުކޮށްފަ އެވެ.