އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެން 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓާއެކު އެވެ.
ކޮމިޓީން ބަޖެޓު ފާސްކުރީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުތަކާއެކު އެވެ. އެ އިސްލާހުތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުމަށާއި މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ވަނީ ޝަރުތުކޮށްފަ އެވެ.
މީގެއިތުރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ބަޖެޓަށް ސަރުކާރުން ކިޔަނީ ގެދޮރުވެރިކަމުގެ ބަޖެޓް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިއަހަރު ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 55 ބިލިއަނަށް އަރާފަ އެވެ.