ކުރިން އަންނަ މަހު ރިލީޒް ކުރަން ޕްލޭންކުރި ވިކީ ކޯޝަލްގެ ތާރީހީ އެކްޝަން ފިލްމު "ޗާވާ" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ކުރިން އަންނަ މަހުގެ 6 ގައި ގެނެސްދޭން ތާވަލުކުރި މި ބޮޑު ބަޖެޓް، ވަރުގަދަ ފިލްމު އަންނަ މަހު ރިލީޒް ނުކުރަން ނިންމި މައިގަނޑު ސަބަބަކީ އައްލޫ އަރުޖުންގެ "ޕުޝްޕާ 2" އަންނަ މަހުގެ 5 ގައި ރިލީޒްކުރާތީ، ފިލްމުގެ ވިޔަފާރި އަށް އެޅިދާނެ ހިޔަންޏަށްޓަކަ އެވެ.
ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ޗާވާ" ގައި ވިކީ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ހަނގުރާމަވެރިއެއް ކަމަށްވާ ޗަތުރަޕަތީ ސަބާޖީގެ ރޯލެވެ.،"ޗާވާ" އާއި "ޕުޝްޕާ 2" ގެ ވެސް ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޗާވާ" މިހާރު ސިނަމާތަކަށް ގެންނަން ޕްލޭން ކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގެ ތެރޭގަ އެވެ. އެކަމަކު މެޑޮކް އިން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
"ޗާވާ" އަކީ ވިކީގެ 2023 ގެ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ވެސް ޑައިރެކްޓްކުރި ލަކްޝްމަން އުޓޭކަރް އެވެ. އޭނަ އަކީ ކްރިތީ ސެނަން އަށް ނެޝަނަލް އެވޯޑް ލިބުނު "މިމީ" ގެ ވެސް ޑައިރެކްޓަރެވެ.
މި އަހަރު ބެލުންތެރިންނާ ހަމައަށް އައި ވިކީގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޖުލައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ބޭޑް ނިއުސް" އެވެ.
ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ މިދިޔަ ހަފުތާގައި ވަނީ މެޑޮކްގެ އާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ "އިސްތިރީ 2" ގެ ޑައިރެކްޓަރު އަމަރް ކޯޝިކް 2026 ގެ ޑިސެމްބަރުގައި ގެނެސްދޭން ތާވަލުކުރި "މަހާވަތުރް" އެވެ. ވިކީ މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސަައްކަތް ކުރަމުންނެވެ. މިއީ 2026 ގެ ކުރީކޮޅު ސިނަމާ އަށް ގެންނާނެ ފިލްމެކެވެ.