Last Updated: November 21, 11:54
Thursday, November 21, 2024
ޚަބަރު

ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ރައްޔިތުންގެ ހައްގުގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން އިއްޔެ ގާނޫނު އަސާސީ އަށް ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ނިންމި މުހިއްމު ނިންމުންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން އިއްޔެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމުގެ އިތުރުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން ހިމެނެ އެވެ.

މަޖިލީހުގެ ނިންމުންތަކާ ގުޅިގެން ރޭ ދަންވަރު ރައީސް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މަޖިލީހުން އިއްޔެ ނިންމި ނިންމުންތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މިނިވަންކަމާ، ސިޔާދަތާ، ތަރައްޤީއާ، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ގައުމީ ޖޯޝެއްގައި، ގައުމަށްޓަކާ ނިންމެވި ވަރަށް މުހިއްމު ނިންމުންތަކެއް،" ރައީސް ވިދާޅުވި އެވެ.

ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހެނދުނު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލުގެ މަސައްކަތް އެންމެ ހަތަރު ގަޑިއިރުތެރޭ މަޖިލީހުން ވަނީ ނިންމާފަ އެވެ. މި ބިލު ރޭގެ ވަގުތެއްގައި ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން މަޖިލީހުން ނިންމީ، އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިފައިވަނިކޮށެވެ.