Last Updated: November 21, 11:54
Thursday, November 21, 2024
ޚަބަރު

މެމްބަރުންގެ ގަދަރާއި އިއްޒަތް އިތުރަށް ދެން އުފުލޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މެމްބަރުންގެ ގަދަރާއި އިއްޒަތް އިތުރަށް އުުފުލިގެންދާނެ މަގެއް ފަހިވެގެން ގޮސްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހެނދުނު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލުގެ މަސައްކަތް އެންމެ ހަތަރު ގަޑިއިރުތެރޭ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި މި ބިލު ރޭގެ ވަގުތެއްގައި ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މި ބިލާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އަބްދުލްރަހީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ބޭނުންވަނީ ރައްޔިތުންގެ ތެރޭގައި މެމްބަރުންނާއި މެދު ދެކެވޭ ވާހަކަތައް ދެން އިތުރަށް ކުރިއަށް އޮތް ތަނުގައި ދައްކަން ފުރުސަތު ނުދޭން ކަމަށެވެ. އެގޮތުން "އެވެނި ޕާޓީއަކުން ލާރި ނަގައިގެން، އަނެއް ޕާޓީއަކަށް ހިނގައްޖެއޭ" ބުނާ ވާހަކަތަކަށް މަޖިލީހުގެ އިއްޔެގެ ނިންމުމާއެކު ނިންމުން އައިސްފައިވާ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަޒާހާތްތެރިކަން ސާބިތުކޮށްދޭން މަގެއް ކޮށާދިނީ. ރައްޔިތުންގެ މަންދޫބުންގެ އިއްޒަތާއި ގަދަރު އިތުރަށް އުފުލިގެންދާނެ މަގެއް މި ފަހިކުރީ އަމިއްލަ އަށް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ މިއީ ކޮންމެ ކޮންމެ ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށާއި ނަމަވެސް ޕީއެންސީގެ މަޖިލިސް މެމްބަރުންނަކީ އަމިއްލަ މަސްލަހަތަށް ވުރެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭ ބައެއްކަން އިއްޔެގެ ނިންމުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ޕީއެންސީގެ މެމްބަރުން ތިބޭނީ ރައްޔިތުންގެ ފަޅީގައި ކަމަށްވެސް ވިދާޅުވި އެވެ.

ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.