Last Updated: November 21, 11:54
Thursday, November 21, 2024
ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ކުރިއަށްދާނެ

އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ޕީއެންސީން ބުނެފި އެވެ.

ޕީއެންސީ އިން މިހެން ބުނެފައިވާއިރު އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީން ހުށަައެޅި ގަރާރެއް ބޭރުކޮށްލުމާއި ގުޅިގެން ބައެއް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގަރާރު ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމީ އިއްޔެ މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގާލުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް ދެކޭތީ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފަ އާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް، ތާވަލާ އެއްގޮތަށް ނިމޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ޕީއެންސީން ބުނެ އެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ހުށަހެޅީ މިދިޔަ ޖޫން 10 ގަ އެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަންމާލަން 241 ކޮމިޓީން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީ އާއި ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިކަން އަވަސްކުރަން ގޮވާލައި މަޖިލިސް ދޮށުގައި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.