Last Updated: November 21, 11:54
Thursday, November 21, 2024
ޚަބަރު

މަޖިލީހުގައި ދެން ތިބޭނީ ރައީސްގެ އަޅުން: ޖަމީލު

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގައި ދެން ތިބޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެމްބަރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހެނދުނު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލުގެ މަސައްކަތް އެންމެ ހަތަރު ގަޑިއިރުތެރޭ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި މި ބިލު ރޭގެ ވަގުތެއްގައި ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ޖަމީލު ވިދާޅުވީ މަޖިލީހުގައި މިހާރު ތިބީ އަޅުންތަކެއް ކަމަށާއި އިއްޔެ ގާނޫނު އަސާސީ އިން ކަނޑައެޅީ ހަމައެކަނި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިޞްލާޙެއް ނޫން ކަމަށެވެ.

ޕާޓީން އިސްވެ މެމްބަރު ވަކިކުރުމުން ގޮނޑި ގެއްލޭ. ރަސްމީކޮށް ތިޔަ މަޖިލިސް ވެގެންދާނީ ރައީސްގެ މަޖިލީހަކަށް. ރައްޔިތުންގެ މަންދޫބުން ނިމުނީ. ދެން ތިބޭނީ ރައީސްގެ މެމްބަރުން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވަނީ ކޮންމެ މެމްބަރަކު އަބަދު ދެން މަސައްކަތް ކުރާނީ ރައީސް މުއިއްޒުގެ ރުހުން ހޯދަން ކަމަށާއި ވަކާލާތު ކުރާނީ ޕާޓީ އަދި ރައީސް މުއިއްޒު އެދޭގޮތަށް ކަމަށްވެސް ވިދާޅުވެފަ އެވެ. މިހެންވުމުން މަޖިލީހަށް ނުކިޔަވާ ތިބި، ތަންދޮރު ނޭނގޭ، ޖާހިލުން މަޖިލީހަށް ނުހޮވަންވީ ކަމަށާއި މިހާރު ކޮންމެ ފިޔަވަޅެއް އަޅަން ޖެހޭނީ ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.