Last Updated: November 21, 13:32
Thursday, November 21, 2024
ޚަބަރު

މީހެއްގެ މޫނަށް ވެލި ޖެހުމުން 8،000ރ. ގެ ޖޫރިމަނާއެއް

މީހެއްގެ މޫނަށް ވެލި ޖެހި މައްސަލައެއްގައި މީހަކު 8،000ރ. ން މީހަކު ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމް އިއްވީ މާލެ ހ. ފެހިއާބާދު އަލީ އަބްދުއްރަހްމާންގެ މައްޗަށެވެ.

އޭނަގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގައި ބިންމަތިން ވެލި ނެގުމަށްފަހު މީހެއްގެ މޫނުމައްޗަށް ވެލި ޖަހާފައިވާތީ އަލީގެ މައްޗަށް އުފުލާފައިވަނީ ގައިގާ އަތްލުމުގެ ދައުވާ ކަމަށެވެ.

އަދި އެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ކުށަށް އިއުތިފާވުފައިވާތީ އަދަބު އެއް ދަރަޖަ ދަށްވެ އެވެ. އަދި އެ މައްސަލައިގެ ބަންދުގައި އަލީ ހޭދަކުރި 15 ދުވަސް އުނިކޮށް އޭނަ އަށް އަންނާނެ ހުކުމަކީ 12 ދުވަހުގެ ޖަލު އަދަބެއްކަން ޝަރީއަތުން ބުނެފައިވެ އެވެ.

ނަމަވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނަ ވަނީ ވީ އެންމެ ލުއި އަދަބެއް ދިނުމަށް އެދިފަ އެވެ. އަދި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދީ ފިނަމަ އެ ފައިސާ ދެއްކޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ 20،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އަލީ އަށް މަހެއްގެ މައްޗަށް ލިބޭތީ 12 ދުވަހުގެ ޖަލު އަދަބުގެ ޖޫރިމަނާއަކީ 8،000ރ. ކަމަށް ހުކުމުގައިވެ އެވެ.

އަދި އެ ފައީ ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް އަމުރުކޮށްފައިވެ އެވެ.