މަކަރާއި ހީލަތް ހެދުމުގެ ދައުވާ އިންޑިއާގެ މަޖުހަނެއްގެ މައްޗަށް އެމެރިކާ އިން އުފުލައިފި އެވެ.
އިއްޔެ މި ދައުވާކޮށްފައި ވަނީ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގޯތަމް އަދާނީގެ މައްޗަށެވެ. އޭނަ އާއި އަދާނީ ގްރޫޕްގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އެމެރިކާ އިން ކޮށްފައި ވަނީ 250 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ސްކީމެއް އެކުލަވާލައި އެމެރިކާ އިން ނާޖާއީޒު ފައިދާތަކެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެގޮތުން މި ސްކީމްގެ ތެރެއިން އަދާނީ އަށް އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރަން އިންޑިއާގެ އޮފިޝަލުންތަކަކަށް ރިޝްވަތު ދޭން ވެސް އެއްބަސްވެފައިވާ ކަމަށް ދައުވާގައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން އަދާނީ ގްރޫޕުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީެ ކުރިން ވެސް އެ ކުންފުނީގެ މައްޗަށް ނާޖާއީޒު މަންފާތަކެއް ހޯދަން އުޅުނުކަމުގެ ތުހުމަތުތަކެއް ކުރެވި. އެ ތުހުމަތުތަކާ ގުޅޭ ރިޕޯޓެއް ވެސް އާންމުކޮށްފައިވެ އެވެ.
ގޯތަމް، 62، އަކީ އިންޑިއާގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނަ އަކީ އޭޝިއާގައި 18 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. ގޯތަމްގެ މިލްކިއްޔާތު 96.7 ބިލިއަން ޑޮލަރަށް އަރަ އެވެ.