ގާނޫނުއަސާސީ އަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން އިއްޔެ ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ ޕާޓީގެ ލީޑަރުގެ މުށުތެރޭ ތާށިވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ދެން ލީޑަރު ނުރުހޭ ގޮތަކަށް އަމަލުކޮށްފި ނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފި ނަމަ ޕާޓީން ވަކިކޮށްލުމުން މަޖިލިސްގެ މެންބަރުކަން ގެއްލިގެން ދާނެ ކަމަށެވެ.
"ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫން ގޮތެއް މެންބަރަކަށް ދެން ނޯންނާނެ." އުމަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މަޖިލިސް މެންބަރުގެ އަމިއްލަ ވިސްނުމާއި ފިކުރަށް ވަކާލާތުކޮށް ވޯޓު ދިނުން ވެސް ދެން ނިމުމަމަކަށް އައީ ކަމަށެވެ.
"ޕާޓީއެއްގެ ޓިކެޓްގައި މީހަކު މަޖިލިސް އަށް އިންތިޚާބު ވިޔަސް އެމެންބަރަކު ހޮވުމަށް ވޯޓުދޭ ުަތްދިހަ ފަސް ޕަސަންޓަކީ ޕާޓީގެ މީހުންނެއް ނޫން. އެހެންކަމުން މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން،" އުމަރު ވިދާޅުވި އެވެ. "އެތައް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖިލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ ތިން މެންބަރުންގެ ވޯޓުން.
މި ބަދަލުގެ ސަބަބުން 'ރައްޔިތުންގެ މަޖްލިސް' މި ބަދަލުވީ 'ޕާޓީގެ މަޖްލިސް' އަކަށް."
އޭނަ ވިދާޅުވީ ފާއިތުވި 19 އަހަރުތެރޭ ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓިތަކުގެ ސަބަބުން ކަމަށެވެ. ނެވެ. އެކަމަކު މިހާރު ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖިލީހެއްގެ ބާރު ދެ ޕާޓީއެއްގެ ލީޑަރުން އަތަށް ލިބުނ ކަމަށް ވިދާޅުވި އެވެ.
"ދެރައީ އަމިއްލަ ގައިގާ ވަޅިއެ ރޭއިރު ވެސް މަޖިލިސް މެންބަރުންނަށް އެކަން ނޭނގޭކަން." އުމަރު ވިދާޅުވި އެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ. ސީދާ އެ ޕާޓީ އަށް ނިސްބަތްވާ މެންބަރުންގެ 75 އަށް އަރަ އެވެ.