Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

ޓޫރިސްޓުންގެ ސަލާމަތާ ގުޅޭ ޕްރޮގްރާމެއް ގދ. އަތޮޅުގައި

'ޓޫރިސްޓު ފެސިލިޓީ އެންހޭންސްމެންޓް ޕްރޮގްރާމް 2024" ގދ. އަތޮޅުގައި ބާއްވައިފި އެވެ.

ލޯކަލް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން މި މަހުގެ 17 އިން މިއަދަށް ބޭއްވި ޕްރޮގްރާމުގައި، ގދ. އަތޮޅުގައި ޓޫރިސްޓު ހިދުމަތްދޭ 9 ރަށަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޓޫރިސްޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ނެތްގޮތް ބަލައި އަދި ރަނގަޅުކުރަން ޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެކަންކަން ރަނގަޅުކުރާނެ ގޮތުގެ އިރުޝާދު ދީފައިވެ އެވެ.

އަދި ޓޫރިސްޓުން މޫދު ކުޅިވަރު ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރޭވިފައިވާ މިންވަރު ބަލައި އަދި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ. އަފދި ހާދިސާއެއް ހިނގިޔަ ނުދިނުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލުތަކާ ބައްދަލުކޮށް ކައުންސިލުތަކުގައި ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވެން ހުރި ކަންކަމާގުޅޭ މައުލޫމާތު ވެސް ދީފައިވެ އެވެ.

ޕްރޮގްރާމުގެ ތެރެއިން ގދ. އަތޮޅު ފުލުހުންނަށް ވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޓޫރިޒަމާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އަމަލު ކުރާނެ ގޮތާއި ފަތުރުވެރިންނާ މުއާމަލާތުކުރާނެ ގޮތްތަކާއި ޓޫރިސްޓު ފެސިލިޓީއެއް އިންސްޕެކްޓު ކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެ އެވެ. އަދި ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސުވިމިން އެންޑް ލައިފް ސޭވިން ސްކިލްސް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެއާޕޯޓު އެންޑް ޓޫރިސްޓު ޕޮލިހާއި ގދ. އަތޮޅު ޕޮލިސް ގުޅިގެންނެވެ.